28 ސެޕްޓެމްބަރ 2022 - 07:05

އާދިއްތަ ދުވަހާ ގުޅޭ
"ތި ހެދުން ނަޒްދާޔާ ވަރަށް ގުޅޭ!" ނަޒްދާ މެސެޖު ކިޔައިލިއެވެ.
ނަޒްދާއާއި މޫމިނާ ވަށައިގެން ހޯދައިލިއެވެ. އެ ތަނުގައި އެ ވަގުތު ހަތަރު ފިރިހެނުން ތިއްބެވެ. އެންމެން ވެސް ތިބީ ފޯނާ ކުޅޭށެވެ. ތިން ފިރިހެނަކު ތިބީ އެއް މޭޒެއްގައެވެ. ހަތަރުވަނަ މީހާ އިން މޭޒުގައި، އޭނަޔާ އެކުގައި އަންހެނަކު ވެސް އިނެވެ. އަންހެންމީހާ ވެސް އިނީ ފޯނާ ކުޅޭށެވެ. އެ ތަނުން ޝައްކުކުރަންވީ ކާކަށްކަމެއް ނަޒްދާއަކަށް ނޭނގުނެވެ. އަންހެންމީހާ ކައިރީގައި އިން ފިރިހެންމީހާ ނަޒްދާއަށް އެއް ފަހަރު ބަލައިލިއެވެ. ނުރައްޓެހި ބެލުމަކުންނެވެ.
"މަ ބުނަން ހަދަންވީ ގޮތް،" މޫމިނާ ހިޔާލެއް ދިނެވެ. "ތި ނަންބަރަށް ގުޅާ! އެ މީހާ މި ތާ އިނިއްޔާ ރިންގްވާނެއްނު."
"މަ ބުނަން ހަދަންވީ ގޮތް،" ނަޒްދާ އެ މެސެޖު ފުހެލަމުން ބުންޏެވެ. "ހިނގާ މި ތަނުން ނުކުންނަމާ!"
ކާން ގެނައި އެއްޗެހީގެ ބޮޑުބައި ބަހައްޓާފައި، ބިލަށް ފައިސާދައްކާފައި ނަޒްދާއާއި މޫމިނާ އެ ތަނުން ނުކުތެވެ. ދެ މީހުންގެ ވެސް ސައިކަލު ހުރެއެވެ. އެކަމަކު ކެފޭ ކައިރިކަމުން އެ މީހުން އައީ ހިނގާފައެވެ. ޕާކަށް އެނބުރި ދިޔައީ ވެސް ހިނގާފައެވެ. ކެފޭއިން ނުކުތް އިރު، ކެފޭގެ ދޮރުމަތީގައި ހުރި ސައިކަލުގައި އިން ޒުވާނަކަށް އެކަކު ވެސް ސަމާލުކަމެއް ނުދެއެވެ. އެ ޒުވާނާ ވެސް އިނީ ފޯނާކުޅޭށެވެ. ނަޒްދާ ހުރަސްކޮށްފައި ދިޔުމުން އޭނާ ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ. ނަޒްދާ އާންމުކޮށް ޖަހާ ސެންޓުގެ ވަހަށް އެ ޒުވާނާގެ ހިއްސުތައް އަވަލަވައިފިއެވެ.
އަސުރަށް ބަންގިގޮވަން ފެށުމުން މުޖުތަބާ ފިހާރަ ބަންދުކުރިއެވެ. ދޮރުތަޅުލައި ނިމުނުތަނާ ޒުވާނަކު ދުވަމުންދުވަމުން އައެވެ.
"ބޭބޭ ސްޕާރީ ޕެކެޓެއް ވިއްކަބަލަ!" ޒުވާނާ އެދުނެވެ.
މުޖުތަބާ އިވޭކަަމަށް ވެސް ނެހެދިއެވެ. ތަޅުލައިފައި، ތަޅުދަނޑި ޖީބަށްލަމުން ހިނގައިގަތެވެ.
"ހާދަ ރޫޑް ސޭޓެކޭ!" ޒުވާނާ މަޑުމަޑުން ބުނެލިއެވެ.
މުޖުތަބާއަށް އެ އަޑުއިވުނެވެ. އެނބުރިފައި އައިސް ޒުވާނާ ކައިރިއަށް ހުއްޓުނެވެ.
"ނަމާދުވަގުތު ސްޕާރީ ޕަކެޓެއް ނުވިއްކީމަ އަހަރެން ރޫޑްވަންޏާ، ކަލޭ ތީ އިޑިއަޓެއްނު!" މުޖުތަބާ ރުޅިއައިސްފައި ބުންޏެވެ. "ކަލޭގެ ކަންފަތް ސަލާމަތުންތަ ހުރީ؟ އޭނ؟ ކީކޭ އެ ގޮވަނީ؟ ސްޕާރީ ކާށޭ؟ އެ ގޮވަނީ މިސްކިތަށް އަންނާށޭ! އަޅުކަން ކުރާށޭ! އަޅެ އެ ކިޔާ އެއްޗެއްގެ މާނަ ނޭނގުނަސް، ބަންގި ގޮވާނީ ނަމާދު ވަގުތު ޖެހުނީމަކަން އެނގެއެއްނު! ގިބުލައަށް ކުރިމަތިލައިގެން ހުރެ ނިތްޖަހަން އެނގެއެއްނު! ދެން ދޭބަލަ މިސްކިތަށް."
ޒުވާނާ އިތުރު އެއްޗެއް ނުބުނެ އެ ތަނުން ދިޔައީއެވެ. މުޖުތަބާ ގޮސް މިސްކިތަށް ވަނެވެ. ވުލޫކުރުމުގެ ކުރިން މުޖުތަބާ ދިޔައީ ފާހާނަޔަށެވެ. ކުޑަކަމުދާންވެފައި ހުރީމައެވެ. އެ ތަނުގައި ހުރީ ދެ ފާހާނައެވެ. އެއް ތަން ހުރީ މަރާމާތަށް ބަންދުކޮށްފައެވެ. އަނެއް ތަނުގައި މީހަކު އުޅެއެވެ. މުޖުތަބާ ބޭރުގައި އިންތިޒާރުކުރިއެވެ. ގަމަތްދޭން ފެށި އިރު ވެސް ފާހާނައެއް ނުހުޅުވައެވެ. އެތެރެއިން އަޑެއްބަޑެއް ނީވެއެވެ. މުޖުތަބާ މަޑުމަޑުން ޓަކިޖަހައިލިއެވެ. ދެން ވެސް ޚަބަރެއް ނުވިއެވެ. އެ ހިސާބުން މުޖުތަބާގެ ރުޅި ކޮންޓުރޯލުން ނެއްޓިއެވެ. ނިކަން ބާރަށް ދޮރުގައި ތަޅައިގަތެވެ. ހަމަ ތަޅައިގަތުމާ އެކު ދޮރު ހުޅުވިއެވެ. އެތެރެއިން ނުކުތީ ލާނެތް ފުރައިގެ ކުއްޖެކެވެ. ދޮރުގައި ތަޅައިގަތުމުން އޭނަ ހުރީ ހިތްހަމަނުޖެހިފައެވެ. ފާހާނައިން ނުކުމެފައި، ނިކަން ބާރަށް ދޮރު ލެއްޕިއެވެ. އޭރުން ދެން ދޮރަށް ވާނީ ކިހިނެއްކަން އެނގޭތީއެވެ. ބާރަށް ލެއްޕުމުން އެ ދޮރު ތާށިވެއެވެ. ދެން ދޮރު ހުޅުވޭނީ ދޮރު ހުޅުވަން ވަކި ގޮތަކަށް ހިފީމައެވެ. އެ ކުއްޖާއަށް ކަޅިއަޅައިފައި މުޖުތަބާ ފާހާނައަށް ވަންނަންވެގެން ދޮރުގައި ހިފި އިރު ދޮރު ހުރީ ތާށިވެފައެވެ. ދެނެއް މުޖުތަބާއަކަށް އެ ދޮރެއް ނުހުޅުވުނެވެ.
ދަރިފުޅު އިސްކޫލަށް ލާން ނަޒްދާ ނުކުތެވެ. ނަޒްދާގެ ސައިކަލު ކައިރީގައި އެހެން ސައިކަލުތައް ޕާކުކޮށްފައި ހުރި ގޮތުން، ނަޒްދާގެ ސައިކަލު ނެރޭނެ ގޮތެއް ނުވިސްނުނެވެ. ދެ ފަރާތުން ވެސް ހުރީ ބޮޑެތި ސައިކަލުތަކެވެ. އެއިން ސައިކަލެއް ތެދުކޮށްލުމަކީ ވެސް ނަޒްދާއަށް ކުރެވޭނެކަމެއް ނޫނެވެ. އެހެނަސް، އެ ކަން ކުރެވޭތޯ ބެލުން ނޫން ގޮތެއް ނެތެވެ. މަގުގެ އެއްފަރާތުގައި ބަސްއަހައިގެން ހުރުމަށް ދަރިފުޅަށް ނަސޭހަތްދީފައި، ސައިކަލު ނެރުމުގެ މަސައްކަތް ނަޒްދާ ފެށިއެވެ. ހަމަ ފެށި ތަނާ ސައިކަލެއް އައިސް މަޑުކޮށްލިއެވެ. ސައިކަލުގައި އިން ޒުވާނާ އައިސް ނަޒްދާއަށް އެހީވިއެވެ. ދެ ފަރާތުގައި ހުރި ސައިކަލުތައް އެއްކައިރިކޮށްދިނެވެ. އެ ވަގުތު ވެސް ނަޒްދާ ހިތަށްއެރިއެވެ. ނަޒްދާއަށް މެސެޖުކުރީ އޭނަބާއެވެ؟ ސައިކަލުތައް އެއްކައިރިކުރެވުނީ ވަކި ވަރަކަށެވެ. މާ ބޮޑު ޖާގައެއް ނުހެދުނެވެ. ނަޒްދާ ނިކަން ރަނގަޅަށް އޭނަގެ މޫނަށް ބެލިއެވެ. އެއީ ނަލަކޮށް ހެދުންއަޅައިގެން ހުރި ރީތި މީހެކެވެ. އޭނަ ހުރީ ގަމީސް ދަށަށްޖަހައި، ޓައީއަޅައިފައެވެ. އިސްތަށިގަނޑު ހުރީ އަރިމައްޗަށް ފުނާއަޅައިފައެވެ. ބައްޓަން ރީތި މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ، ކަޅު އައިނާއި، ތުނި ތުނބުޅިމަތިމަހުންނެވެ.
"ފައުޒާން!" ސައިކަލެއްގައި ދިޔަ މީހަކު ގޮވައިލިއެވެ.
ނަޒްދާއަށް އެހީވާން ހުރި މީހާ ރައްދުދިނެވެ. އެ މީހާގެ ނަން ނަޒްދާއަށް އެނގުނީ އެ ހިސާބުންނެވެ. ނަޒްދާ ސައިކަލު ނެރުނު އިރު ފައުޒާން ހުރީ އެއް ސައިކަލު ސީދާކޮށް ހިފާއްޓައިގެންނެވެ. ސައިކަލު ނެރިފައި ނަޒްދާ ޝުކުރުއަދާކުރިއެވެ.
"މޯސްޓް ވެލްކަމް!" ފައުޒާން ހިނިތުންވެފައި ޖަވާބުދިނެވެ.
އެ ހިސާބުން ފައުޒާން ވަކިވީއެވެ. ދަރިފުޅު ގޮވައިގެން ނަޒްދާ މިސްރާބުޖެހީ އިސްކޫލަށެވެ. ދަތުރުގެ ދެ ބައިކުޅަ އެއް ބައި ދުއްވުނު ތަނާ މެސެޖެއް އައި އަޑުއިވުނެވެ. ނަޒްދާ ފޯނެއް ނުބަލައެވެ. އަޒާން އިސްކޫލަށް ލައިފައި، ސައިކަލަށް އެރުމުގެ ކުރިން ފޯނު ބަލައިލިއެވެ.
"މޫނޭ ތިއީ ހިތްއެދޭ، ކިޔައިދޭނީ ދެން ކީކޭބާ؟" މެސެޖުގައި އޮތީ އެހެންނެވެ.
އެ ނަންބަރު ނަޒްދާ ހަނދާން ހުއްޓެވެ. ކުރީ ދުވަހު ކޮފީބޯން އިންދާ އައި މެސެޖު ވެސް އައީ ހަމަ އެ ނަންބަރުންނެވެ. ފުރަތަމަ ނަޒްދާ ވީ އުފަލެވެ. ތައުރީފު އަޑުއަހާ ހިތްނުވާނީ ކާކު ހެއްޔެވެ؟ ނަޒްދާއަށް މީހަކު ތައުރީފު ނުކުރާތާ ވީ ދުވަހެއް ނޭނގެއެވެ. ދެން ގަތީ ބިރެވެ. އަވަހަށް މެސެޖު ފުހެލަން މަސައްކަތް ފެށިއެވެ. ދެން ހިތަށްއެރިއެވެ. ފުހެނީ ކީއްކުރަން ހެއްޔެވެ؟ މެސެޖުގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ނަޒްދާ ދަންނަ މީހެއް ނޫނެވެ. ވާހަކަދެއްކި މީހެއް ނޫނެވެ. ލޯބިވި މީހެއްް ނޫނެވެ. އެކަމަކު އެ މެސެޖަށް ބަލައިލުމުން ހިތަށް ހަމަޖެހުން ލިބެއެވެ. އެއީ ކުށެއް ހެއްޔެވެ؟ ހިތް ބުންޏެވެ. އާނއެކެވެ. މުޖުތަބާ ދެކޭނީ ކުށެއްކަމުގައެވެ. ވަރަށް ރުޅިއަންނާނެއެވެ. ނަޒްދާ ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެއެވެ. ކަން ނުވެ ނަންވުމުގެ ބޭނުމެއް ނެތެވެ. ހިތާ ދެކޮޅަށް މެސެޖު ފުހެލުމަށް ފަހު ދަބަހަށް ފޯނު ލިއެވެ. އެ ފަހަރު ވެސް ވަށައިގެން ހޯދައިލެވުނެވެ. ފޯނު ހިފައިގެން ހުރި މީހަކު، އެ ވަގުތަކު މަގުމައްޗަކު ނެތެވެ. އެންމެ މީހެއް ފިޔަވައެވެ. އެ މީހާ ހުރީ، ނަޒްދާ ސައިކަލު ހުއްޓި ފިހާރައިގެ އެތެރޭގައެވެ. ކޮންމެ ދުވަހަކު ނަޒްދާ އެއްތާކަށް ސައިކަލު މަޑުކުރާތީ، ކޮންމެ ދުވަހަކު ވެސް އޭނަ އެ ފިހާރައިގައި ހުރެއެވެ. އޭނަ ފުރަތަމަ ކުރިކަމަކީ ނަޒްދާއަށް ބެލުމެވެ. މެސެޖު އެއީ ދެވަނަ މަރުހަލާއެވެ. ތިންވަނަ މަރުހަލާއަށް އޭނަ ދިޔައީ ތައްޔާރުވަމުންނެވެ.
މެސެޖު ފޮނުވާ މީހާޔާ ދޭތެރޭ ނަޒްދާއަށް ވިސްނެން ފެށިއެވެ. ވިސްނާކަށް ބޭނުމެއް ނޫނެވެ. މެސެޖުފޮނުވާ މީހާގެ ސިފައެއް، މަގުސަދެއް ވެސް ނޭނގެއެވެ. އެކަމަކު ވެސް ވިސްނެނީއެވެ. ނިދަން އޮށޯތުމުގެ ކުރިން ނަޒްދާ މޫނުގައި ކިރިމެއް ހާކައެވެ. އެއިން މާ ބޮޑު ފައިދާއެއްކުރޭ ހެއްޔެވެ؟ އެޔެއް ވެސް ނޭނގެއެވެ. ލޯގަނޑާ ނިކަން ކައިރިއަށް ޖެހިލައިފައި ނަޒްދާ މޫނު ބަލައިލިއެވެ. ހިނިތުންވެލިއެވެ. ވިސްނައިލިއެވެ. އެ މޫނުގައި "ހިތްއެދޭ" ގޮތެއް އެބަ ހުރި ހެއްޔެވެ؟ ނަޒްދާއަކަށް ފާހަގައެއް ނުވެއެވެ.
"ކޯޗެއް ތި ބަލަނީ؟" އެނދުގައި އޮތް މުޖުތަބާގެ އަޑުއިވުނެވެ.
ނަޒްދާ އަވަސްއަވަހަށް ލޯގަނޑާ ދުރަށްޖެހިލިއެވެ. ތުންފަތުގައި ހުރި ހިނިތުންވުން ފިލުވައިލިއެވެ. މުޖުތަބާއަކީ ކުރިން ފުލުހެކެވެ. ސިއްރު ހޯދަން ކުޅަދާނަ މީހެކެވެ. ފަހަރެއްގައި ވެސް އޭނައަށް ޝައްކެއްވާކަށް ނަޒްދާ ބޭނުމެއް ނޫނެވެ.
"އެއްޗެއް ނުބަލަން!" އެނދުގައި އޮށޯންނަމުން ނަޒްދާ ބުނެލިއެވެ. "އެއްކަލަ އަޔަންމޭން ޖަހާފަ ހުރި ލަންޗުބޮކްސް ވަރަށް ބޭނުންވެގެން އަޒާން އުޅެނީ. ސްކޫލް ކުރިމަތީ އެ ފިހާރަ..."
"ބުނީމެއްނު އަންނަ މަހު ގަނެދޭނަމޭ!" ލޯބި ފަނޑުވެފައިވާ ރާގެއްގައި މުޖުތަބާ ބުންޏެވެ. "ގޮސް ދޮރު ތަޅުލާ!"
އެއީ އޯޑަރެކެވެ. ކުޑަމިނުން، ބޭނުންވާ ގޮތް ވެސް ނަޒްދާއަކަށް ހާމައެއް ނުކުރެވޭނެއެވެ. ނަޒްދާ ދޮރު ތަޅުލިއެވެ. އެނދުގައި އޮށޯވެ، އާންމުކޮށް ވައްޓާލާ އަނދިރި ފަރުދާ ލޯމައްޗަށް ވައްޓައިލިއެވެ. އެކަމަކު، އެހެން ރޭރެޔާ އެ ރޭ ތަފާތެވެ. ހީވީ އަނދިރިގަނޑުގެ ތެރޭގައި ހުދު އަކުރުތަކެއް ލިޔެވެން ފެށިހެންނެވެ. "މޫނޭ ތިއީ ހިތްއެދޭ، ކިޔާދޭނީ ދެން ކީކޭ ބާ؟" ދެވަނަ ފޮޅުވަތެއް ވެސް ލިޔެވުނެވެ. "މީހުން ނުވާ ތާކަށް ހިނގާ. ބޭޒާރުވުން ގާތޭ މިތާ." ޒަމާންގަނޑަކަށް ފަހު، ފުރަތަމަ ފަހަރަށް ނަޒްދާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
ނަޒްދާ ސައިކަލުގައި އައިސް އިސްކޫލު ކައިރިއަށް މަޑުކޮށްލިއެވެ. ސައިކަލުން ފޭބުމުން އަޒާން ދިޔައީ ފިހާރައިގެ ބިއްލޫރިގަނޑު ކައިރިޔަށެވެ. ބޭނުންވެފައިވާ އެއްޗަށް ބަލައިލުމުން ވެސް އަޒާން ހިތްހަމަޖެހެއެވެ. އެއީ ނަޒްދާގެ ފަރާތުން ދަރިއަށް ނަކަލުވި ސިފައެކެވެ. ބިއްލޫރިގަނޑުގެ ބޭރުން އަޒާން އަތްޖައްސައިލިއެވެ. އަޒާންގެ ބުރަކަށީގައި ނަޒްދާ ފިރުމައިލިއެވެ. އަދި ދެމައިން އެކުގައި އިސްކޫލާ ދިމާއަށް ހިނގައިގަތެވެ.
"މީގެ ލަންޗްބޮކްސްއެއް ނަގައިދީފާނަން؟" ފިހާރަ އެތެރޭގައި ހުރި މީހަކު އެދުނެވެ.
ނަޒްދާއަށް ނޭނގި، ނަޒްދާޔާ އެއްކޮށް އޭނަ ކިތަންމެ ފަހަރަކު އިސްކޫލަށް ވަދެއްޖެއެވެ. އަޒާންގެ ކިލާހާއި، އިންޑެކްސް ނަންބަރު ވެސް އޭނައަށް އެނގެއެވެ. ނަޒްދާ އިސްކޫލުން ނުކުތް އިރު، ކޮތަޅެއް ހިފައިގެން ހުރި މީހަކު، ނަޒްދާގެ ގައިގައި މަޑުމަޑުން ޖެހިލާފައި ދިޔަކަމެއް ނަޒްދާ ނުދެނަހުއްޓެވެ.
ނުނިމޭ