08 ޖެނުއަރީ 2017 - 07:42

ފްލޮރިޑާ (ޖެނުއަރީ 8) - އެމެރިކާގެ ފްލޮރިޑާގެ އެއާޕޯޓަށް ދިން ހަމަލާގައި ޕަސިންޖަރަކު ސަލާމަތްވީ އޭނާގެ ބެކްޕެކުގައި އޮތް ލެޕްޓޮޕުގެ ސަބަބުން ކަމަށް ބުނެފި އެވެ.

ސީއެންއެންއާ ވާހަކަ ދައްކަމުން ސްޓީވް ފްރެޕާ ބުނީ އެއާޕޯޓުގައި ހަމަލާ ދިން މީހާ އޭނާއާ ދިމާލަށް ބަޑި އަމާޒުކުރި ވަގުތު އެނބުރެވުނު ގޮތަކުން އެ ވަޒަން އެރީ ބެކްޕެކުގައި އޮތް ލެޕްޓޮޕަށް ކަމަށެވެ. އަދި ލެޕްޓޮޕަށް އެރި ވަޒަން ވަނީ ކަހައިގެންގޮސްފައި ކަމަށް އޭނާ ބުންޏެވެ.
"އަަހަންނަށް އިހުސާސް ކުރެވުނު ކޮންމެވެސް އެއްޗެއް ބުރަކަށްޓަށް އެރިކަން. ދެން ފަހުން ފާޚާނާ އަށް ގޮސް ބެލުމުން އެނގުނީ ވަޒަން އަރާފައި ވަނީ ލެޕްޓޮޕަށްކަން. އަދި އެފްބީއައިގެ ތަގުގީގަށް ބެކްޕެކް ދިނުމުން އެ މީހުން ހޯދީ ބެކްޕެކުގެ ޖީބެއްގައި ވަޒަން އޮއްވައި،" ފްރެޕާ ބުންޏެވެ. "އަހަރެންގެ ހަށިގަނޑަށް ވަޒަން ނޭރީ ލެޕްޓޮޕްގެ ސަބަބުން."
އެއާޕޯޓަށް ހަމަލާދީފައި ވަނީ އިރާގު ހަނގުރާމައިގައި ބައިވެރިވި 26 އަހަރުގެ އެސްޓެބަން ސެންޓިއާގޯ ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަލާ ދިން މީހާގެ މަގްސަދަކީ ކޮބައިކަމެއް އޮފިޝަލުން ހާމައެއް ނުކުރެ އެވެ. މި ހަމަލާގައި ވަނީ ފަސް މީހުން މަރުވެ އަށް މީހުން ޒަޚަމްވެފަ އެވެ.
ބަޑީގެ ހަމަލާތައް ދީފައި ވަނީ އެއާޕޯޓުގެ ޓާމިނަލް 2 ގެ ބަގޭޖް އޭރިއާގަ އެވެ. ހަމަލާ ދިން އިރު ޕަސެންޖަރުން ދިޔައީ ލަގެޖް ނަގަމުންނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ލަގެޖް ބެލްޓް ކައިރިން ހިނގާފައި ދިޔަ އިރު އެ މީހާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި ކުއްލިއަކަށް ހަމަލާދިނީ އެވެ. އޭނާ ފުލުހުންނަށް އަމާން ދިނީ ވަޒަން ހުސްވެގެން ކަމަށް ވެސް ބުނެފައިވެ އެވެ.