"ޕުޝްޕާ 2" ގައި އައްލޫ ތަފާތުވާނެ، ޝޫޓިން އަންނަ މަހު
"ޕުޝްޕާ 2" ގައި އައްލޫ ތަފާތުވާނެ، ޝޫޓިން އަންނަ މަހު

މިދިޔަ އަހަރު ރިލީޒްކުރި ތެލުގޫ ފިލްމު، "ޕުޝްޕާ: ދަ ރައިޒް" ގެ ދެވަނަ ބައިގެ ޝޫޓިންތައް އަންނަ މަހު ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައި ތެލުގޫ ތަރި އައްލޫ އަރްޖުން އާއި ރަޝްމިކާ މަންދަންނާ ލީޑު ރޯލު ކުޅެފައިވާ އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިލްމަށް ލިބުނު ލޯތްބާ އެކު ފިލްމުގެ ދެވަނަ ބައެއް އުފައްދާނެކަން އިއުލާންކުރި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ދެވަނަ ބައިގެ ލީޑު ކުޅޭނީ ވެސް ފުރަތަމަ ބައިން ފެނުނު ދެ ތަރިންނެވެ. އަންނަ މަހުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިންތައް އައްލޫ ފަށަން ހަމަޖެހިފައިވާއިރު އޭނާ ފެންނާނީ ތަފާތު ގޮތަކަށް ކަމަށާއި އެކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް ނޫސްތަކުން ބުނެފައިވެ އެވެ.

އައްލޫ ބުނެފައިވާ ގޮތުގައި ފިލްމުގެ ދެވަނަ ބަޔަކާ މެދު ބެލުންތެރިން ކުރާ އުއްމީދު ބޮޑެވެ. އެހެންވެ، އާންމުން ކުރާ އުއްމީދާ އެއްވަރުގެ ފިލްމަކަށް އެ ފިލްމު ހެދޭތޯ މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ރަޝްމިކާ ވެސް ވަނީ ދެން އެންމެ އަވަހަށް ފަށަން އޮތް މަސައްކަތަކީ ޕުޝްޕާ 2 ކަމަށް ބުނެފަ އެވެ.

ތަމަޅަ އަދި ތެލޫގޫ އިންޑަސްޓްރީގައި އެންމެ ނަން ހިނގާ ތަރި، އައްލޫ އަރްޖުން ބޮލީވުޑަށް ނިކުންނަން އުޅޭ ކަމުގެ އަޑުތައް އެރިޔަސް އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ މަހުގެ 7 ގައި ނެރޭ ފިލްމު "ގުޑްބާއީ" އިން ރަޝްމިކާ ބޮލީވުޑަށް ނިކުންނާނެ އެވެ.