ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް ޔާމީން ކުޑަހުވަދު އަށް ވަޑައިގަންނަވަނީ
ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް ޔާމީން ކުޑަހުވަދު އަށް ވަޑައިގަންނަވަނީ

އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަންނަ ބުރާސްފަތި ދުވަހު ދ. ކުޑަހުވަދު އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް ކުޑަހުވަދު އަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގެ މީހުންނާ ބައްދަލުކުރައްވައި، ޕާޓީ އަށް މެމްބަރުން އިތުރުުކުރުމުގެ ހަރަކާތްތައް ހިންގަވާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުންޏެވެ.

"އަދި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ކުޑަހުވަދޫގައި ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެ،" އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

މިއީ އިދިކޮޅުގެ ރިޔާސީ ޓިކެޓް މިދިޔަ މަހުގެ 19 ގައި ޔާމީނަށް ދިން ފަހުން އެ މަނިކުފާނު މާލެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޔާމީންގެ ކުޑަހުވަދޫގެ އެންމެ ފަހުގެ ދަތުރުފުޅު ކުރެއްވީ އެ މަނިކުފާނުގެ ވެރިކަމުގައި ސެޕްޓެމްބަރު 2018 ގަ އެވެ. އެއީ އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށެވެ. އިދިކޮޅު ލީޑަރަށް ވި ފަހުން ޔާމީން އަދި ކުޑަހުވަދު އަށް ވަޑައެއް ނުގަންނަވަ އެވެ.

ޔާމީން އެންމެ ފަހުން މާލެ އިން ބޭރަށް ދަތުރުފުޅެއް ކުރެއްވީ ޅ. ކުރެންދު އަށެވެ. މިދިޔަ މާޗު މަހު އެ މަނިކުފާނު އެ ރަށަށް ވަޑައިގަތީ ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަން ޕީޕީއެމަށް ކާމިޔާބުވުމުން އެކަން ފާހަގަކުރަން ބޭއްވި ޖަލްސާ އަށެވެ.