27 ސެޕްޓެމްބަރ 2022 - 18:30

ރާއްޖޭގެ ވަކިވަކި ރަށްތައް ގުޅާލާ އާރުޓީއެލް ފެރީގެ ނިޒާމުން ހއ. އާއި ހދ. އަތޮޅަށް އަންނަ ބޮޑު ބަދަލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަޖުރިބާކުރައްވައިފި އެވެ.

ގައުމީ ދުވަހުގެ ރަސްމީ ހަރަކާތް ނިންމައި އުތީމުން ދިއްދުއަށް އެމަނިކުފާނު ވަޑައިގަތީ ފެރީގަ އެވެ. އެމްޓީސީސީގެ ލޯންޗުގައި، ދަތުރަށް ހޭދަވީ ގާތްގަނޑަކަށް 15 މިނެޓެވެ.

ރައީސް އިންނެވި ފެރީ، ދިއްދޫގެ ޖެޓީއާ ކައިރި ކުރިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ނުކުމެ ތިއްބެވެ. އާރުޓީއެލް ފެރީ ހިދުމަތާ ގުޅޭ ހާއްސަ ޖަލްސާ މިރޭ މި ރަށުގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފެށީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ކޮންމެ ލޯންޗެއްގައި 50 މީހުންގެ ޖާގައާ އެކު މެދުކެނޑުމެއް ނެތި ހަފުތާއަކު ކޮންމެ ދުވަހަކު ވެސް ދަތުރުތައް ޝެޑިއުލްކޮށްފައި އޮވެ އެވެ. މި ދަތުރުގެ ފަސޭހައަކަށް ކޮންމެ ރަށެއްގައި އަންނަނީ ފެރީ ޓާމިނަލެއް ގާއިމްކުރަމުންނެވެ.

އުތީމުގައި ރައީސް މިއަދު ވިދާޅުވީ އާރުޓީއެލް ފެރީގެ ނެޓްވޯކުން ބޮޑުތިލަދުންމަތީގެ 40 ރަށް ގުޅުވާލާފައިވާ ކަމަށެވެ. ބޮޑު އަގުގައި އެއް ރަށުން އަނެއް ރަށަށް ކުރި ދަތުރު ޖީބަށް ލުއިވެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހއ. އާއި ހދ. ގައި މިހާރު ވަނީ ދަތުރުފަތުރުގެ އުނދަގޫ މުޅިން ނައްތާލެވިފަ އެވެ. ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓާ އެކު މުޅި ސަރަހައްދުގެ ދަތުރުފަތުރުން ޓޫރިޒަމަށް ފުރުސަތުތަކެއް ފަހިވެ އަންނަން އޮތީ އިންގިލާބީ ބަދަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"2،000-3،000ރ. ހޭދަނުކޮށް މި ހިސާބަށް ނާދެވޭ. ހަނިމާދުއަށް އާދެވިދާނެ ޓިކެޓެއް ނަގައިގެން. އެކަމަކު އެ ހިސާބުން މި ރަށަށް އަންނަން ވެސް ބޮޑު ހޭދައެއް ހިނގާނެ. މިއަދު އިރާދަކުރެއްވިޔާ އެ ދަތި މުޅިން ނައްތާލެވިއްޖެ،" ރައީސް ވިދާޅުވި އެވެ.
އާރްޓީއެލްގެ އަތޮޅުތެރޭގެ ދަތުރުތަކުގެ އަގުތައް އުޅެނީ ކޮޅަކަށް 35ރ. އާއި 100ރ. އާ ދެމެދުގަ އެވެ. ދެކޮޅުގެ ދަތުރުތައް އުޅެނީ 65ރ. އާއި 225ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ދަތުރުގެ އަގު ކަނޑައަޅާފައިވަނީ ދަތުރުގެ ދުރުމިނަށް ބެލުމަށް ފަހު އެވެ.
އެންމެ އަގުބޮޑުކޮށް ދަތުރުކުރަނީ އުލިގަމުން ފިއްލަދު އަށް، އުލިގަމުން ބާރަށަށް، ތުރާކުރުން މުރައިދު އަށެވެ. އެ ހަތަރު ދަތުރަށް ދެ ކޮޅަށް 225ރ. ނަގަ އެވެ.
ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބާކީ ފަސް ޒޯނުގައި ހިމެނެނީ 17 އަތޮޅެކެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދެވެ. އެ އަތޮޅުގެ ފެރީގެ ހިދުމަތަކަށް ބޭނުންވާ ލޯންޗުތައް ބަނދެ ލަސްނުވެ ހިދުމަތް ފެށޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.