07 ޖެނުއަރީ 2017 - 23:07

މެންޗެސްޓާ (ޖެނުއަރީ 7) – ރެޑިން އަތުން 4-0 އިން މޮޅުވެ އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް މިރޭ ޖާގަ ހޯދި އިރު އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ބޮބީ ޗާލްޓަން ހަދާފައިވާ ރެކޯޑާ ކެޕްޓަން ވޭން ރޫނީ އެއްވަރުކޮށްފި އެވެ.
އޯލްޑް ޓްރެފޯޑުގައި މިރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނެޓުގައި ރޫނީ ޖެހި ލަނޑާ އެކު 543 މެޗުން އޭނާ ޖެހި ލަނޑުގެ އަދަދު 249 އަށް އެރިއިރު، 1956-1973 އަށް ޔުނައިޓެޑަށް ކުޅުނު ޗާލްޓަން މި އަދަދަށް ލަނޑު ޖަހާފައިވަނީ 758 މެޗުންނެވެ. ބެޗު ބަލަން ހުރި ޗާލްޓަން ވަނީ ރޫނީގެ ލަނޑާ އެކު އަތްތިލަބަޑީގެ މަރުހަބާއެއް ކިޔައިފަ އެވެ.
"މިއީ ވަރަށް ފަހުރުވެރި ވަގުތުކޮޅެއް. މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑު ކްލަބެއްގެ މިފަދަ ރެކޯޑެއް ހާސިލްކުރެވުމަކީ ބޮޑު ޝަރަފެއް،" ރޫނީ ބުންޏެވެ. "މި ކްލަބަށް ކުޅެވޭތީ ވެސް އަހަރެން ފަހުރުވެރިވަން. ބޮބީއާ ރެކޯޑް ހިއްސާކުރެވުމަކީ ވަރަށް ހާއްސަ ކަމެއް. ވަރަށް އަވަހަށް މި ރެކޯޑް އަހަންނަށް މިލްކުވާނެ ކަމަށް އުއްމީދުކުރަން."
މިރޭގެ މެޗުގައި ޔުނައިޓެޑުގެ ދެ ވަނަ ލަނޑު 15 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އެވެ. ޔުނައިޓެޑް ޖެހިޖެހިގެން އަށް ވަނަ މޮޅު ކަށަވަރުކުރީ ދެ ވަނަ ހާފުގައި ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ކާމިޔާބުކުރި ދެ ގޯލާ އެކު އެެވެ.
އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ރެޑިންގެ ކޯޗު ޔާޕް ސްޓަމް އަކީ ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދެއްކި ވަރުގަދަ ޑިފެންޑަރެކެވެ. އެކަމަކު މިރޭ އޯލްޑް ޓްރެފޯޑް ވެގެން ދިޔައީ އޭނާ އަށް ނަސީބު ދެރަ ތަނަކަށެވެ.
ޔުނައިޓެޑުގެ ވާދަވެރި މެންޗެސްޓާ ސިޓީން ވަނީ ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 5-0 އިން މޮޅުވެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މިރޭ އެވަޓަން އަތުން 2-1 އިން މޮޅުވެ ލެސްޓާ ސިޓީ ވެސް އަނެއް ބުރުން ޖާގަ ހޯދިއިރު އެންމެ ބޮޑު ހައިރާންކަމެއް ގެނުވީ ތިން ވަނަ ޑިވިޝަނުގެ މިލްވޯލުންނެވެ. އެ ޓީމުން ވަނީ ޕްރިމިއާ ލީގުގެ ބޯންމައުތު އަތުން 3-0 އިން މޮޅުވެ ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.