27 ސެޕްޓެމްބަރ 2022 - 10:12

ރާއްޖެއަށް އައި އިންޑިއާ މީހަކު ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ގަވައިދާ ހިލާފަށް އެތެރެ ކުރަން އުޅުނު ރަން ހިމެނޭ ދެ ބުލެޓު ދައުލަތަށް ނަގައި، އޭނާ 60،000ރ. އިން ޖޫރިމަނާކުރަން ނިންމައިފި އެވެ.
މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ނާޒިމް ނަމަކަށް ކިޔާ އިންޑިއާ މީހަކު ރާއްޖެ އައި އިރު އޭނާގެ ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ޝައްކުވެގެން އޭނާ ހުއްޓުވި އެވެ. އޭނާ ވަނީ އަމިއްލައަށް ހަށިގަނޑުގައި ރަން ފޮރުވާފައި ހުރި ކަމަށް ބުނެފަ އެވެ.
އޭނާ ބޮޑުކަމުދިޔަ އިރު ބޭރުވި ދެ ބުލެޓުގައި އެއްކޮށްފައިވާ އެއްޗެހީގެ ތެރޭގައި ރަން ހިމެނޭ ކަމަށް ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓުން ދެއްކި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެ ކުރުމުގެ ދައުވާ އެވެ.
މި މައްސަލައިގައި ނާޒިމް ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ ކުށަށް އިއުތިރާފުވުމުން، ދައުލަތާއެކު އޭނާ އެއްބަސްވި ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ހުކުމް ކުރެއްވީ އޭނާ 60،000ރ.އިން ޖޫރިމަނާ ކުރާށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެންގި އެވެ. އޭގެ އިތުރުން، ރަން ހިމެނޭ އެ ބުލެޓުތައް ކަސްޓަމްސްއަށް ނެގުމަށް ހުކުމުގައި އަންގާފައިވެ އެވެ.
ނާޒިމް ރާއްޖެއަށް އައުމުގެ ދެ ދުވަސް ފަހުން ރާއްޖެ އައި އިންޑިއާ މީހެއްގެ ހަށިގަނޑުގެ ތެރޭގައި ރަން ފޮރުވާފައި ހުއްޓާ އެ ރަން ހޯދައި، އެ މީހާ ވެސް 60،000ރ.އިން ޖޫރިމަނާ ކުރަން މިދިޔަ ސެޕްޓެމްބަރު މަހު ހުކުމްކޮށްފައިވެ އެވެ.
ރާއްޖެއަށް އިމްޕޯޓު ކުރުމަށް ހުއްދަ ދީފައި ނުވާ އެއްޗެއް ރާއްޖެއަށް ސިއްރުން އެތެރެ ކުރުމާއި ޑިއުޓީ ދައްކަން ޖެހޭ އެއްވެސް މުދަލަކުން ޑިއުޓީ ދެއްކުމުން ރެކުމަށް އެއްޗެއް ސިއްރުން އެތެރެ ކުރުމަކީ ކަސްޓަމްސްގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
އެ ކުށަށް ދެވޭ އަދަބުގެ ތެރޭގައި ސިއްރުން އެތެރެ ކުރި މުއްދާ ދައުލަތަށް ނެގުން ހިމެނެ އެވެ. އަދި ހަ މަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަަލަށްލުން ނުވަތަ 10،000ރ. އާއި 240،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެ އެވެ.