08 ޖެނުއަރީ 2017 - 06:28

(ބުދަ ދުވަހު ޖެހި ބަޔާ ގުޅޭ)
"ފިޓު؟" އަހަރެން ޔަގީންކޮށްލީމެވެ.
"އާނއެކޭ،" ހީނގެންފައި ހާޝިމް ބުންޏެވެ. "ކޮން އިރަކުން ދާންވީ؟ މި ރޭ؟"
ގޭގައި އުޅުނީ އަހަރެން އެކަންޏެވެ. ހާޝިމް ގެއަށް ގެނެސްފައި ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެ ޢިލްމު އެބަ ހުއްޓެވެ. ބޭނުންކުރަން ޖެހޭނީ ފުރަތަމަ ފަހަރަށެވެ. ކުރިމަތިވާނީ ކޮން ކަހަލަ ގޮންޖެހުންތަކެއްކަމެއް ނޭނގެއެވެ.
"ފިރިހެނަކާ އެއްކޮށް އަންނާތި!" އަހަރެން އެދުނީމެވެ.
ހާޝިމް އަންނަ ގަޑި ކައިރިވަމުން އައިއިރު، ވެވެން ހުރި ވަރަކަށް އަހަރެން ތައްޔާރުވީމެވެ. ފެންފުޅިއެއް ހަދައި، އެ ފެނުން ރުމާލެއް ތެންމައިލައިފައި އަހަރެންގެ ޖީބަށް ލީމެވެ. ތަކުރާރުކޮށް ހިތް ބުންޏެވެ. ކުރަން ތި އުޅެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ ލިބުނު ކުޑަ ވަގުތުކޮޅު ވެސް އަހަރެންގެ އެކުވެރިންނާ ގުޅޭތޯ ބަލައިލީމެވެ. އެކަކު ވެސް ފޯނެއް ނުނަގައެވެ. ކުއްލިއަކަށް ހިތް ބުންޏެވެ. އަމިއްލައަށް އެ ކަން ކުރަން ނޫޅޭށެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިފައި އެ ކަމުން ސަލާމަތް ވާށެވެ. ކެންސަލު ކުރުމަށްޓަކައި ފޯނު ނެގި ވަގުތު ދޮރުގެ ރަނގަބީލު ޖެހި އަޑު އިވުނެވެ. ދޮރު ކައިރިއަށް ގޮސް ދޮރުކަޅީގައި ލޯ ޖަހައިލިއިރު ހާޝިމް ފެންނަން ހުއްޓެވެ. ގާތުގައި އެހެން މީހަކު ވެސް ހުއްޓެވެ. އަހަރެން ދޮރު ހުޅުވީމެވެ.
"ވަދޭވަދޭ!" އަހަރެން ދަޢުވަތު ދިނީމެވެ.
"ބޭބެޔާ އެކީގައި މި އައީ،" އިށީންނަމުން ހާޝިމް ބުންޏެވެ.
ހާޝިމްގެ ބޭބެޔާ އަހަރެން ސަލާން ކޮށްލީމެވެ. ހާޝިމް ބޭއްވީ ސޯފާގައެވެ. ބޭބެ ބޭންދީ ހާޝިމްގެ ފައިލާކޮޅުގައެވެ.
"މަ ކުރަން މި އުޅެނީ ކީއްކަން އެނގޭތަ؟" ހާޝިމް ގާތުގައި އެހީމެވެ.
ސުވާލުގެ ޖަވާބުދިނުމުގެ ބަދަލުގައި، ހާޝިމް ޖަހައިލީ ވަރުގަދަ ހިނިގަނޑެކެވެ. އެ އަލާމާތް އަހަރެން ދެނެގަތީމެވެ. ހާޝިމްގެ ބޭބެގެ އިތުރަށް ހާޝިމާ އެކުގައި އެހެން މަޚްލޫޤެއް ވެސް ގެއަށް ވަނީއެވެ. ދެނަހުރިކަމަކަށް އަހަރެން ނަހަދަމެވެ.
"ކީއްވެ ތި ހެނީ؟" އަހަރެން ސުވާލުކުރީމެވެ.
ހާޝިމް ޖަވާބެއް ނުދެއެވެ. އަހަރެން ޖީބުން ރުމާ ނެގީމެވެ. ހާޝިމް ދުރަށް ޖެހިލިއެވެ. އިންސާނެއް ދުރަށް ޖެހިލާ ގޮތަކަށް ނޫނެވެ. އެއީ، ނަންނުގަތި ނުވަތަ ބިޗޫ ކަހަލަ އެއްޗެއްގައި އިލޮށިކޮޅެއް ޖައްސައިލުމުން ކޮށްލާ ކަހަލަ ކުއްލި ހަރަކާތެކެވެ. އަހަރެން ހަދާނަހަދާ، ވަރަށް ފަރުވާތެރިކަމާ އެކު ހާޝިމް ބެލިއެވެ. ކަޅިއާ އެކުގައި އޭނާގެ ބޯ ވެސް އެނބުރެއެވެ. ވަރަށް ހަލުވިކޮށެވެ.
"ތީ ކޯޗެއް؟" ހާޝިމް އެހިއެވެ.
"ތީ ހާޝިމް ވެއްޖެއްޔާ މީ ކޯޗެއްކަން ވެސް އެނގޭނެ،" ރުމާ ދައްކާލަމުން އަހަރެން ބުނީމެވެ.
ހާޝިމް ރުމާލަށް ބަލައިލިއެވެ. އަހަންނާ ދިމާއަށް ބަލައިލިއެވެ. ދެން އަހަރެން ކުރާނެ ހަރަކާތަކަށް ހާޝިމް ބަލަބަލާހުރި ކަހަލައެވެ.
"މީ ފޮތިކޮޅެއް. ހާދަހާ ބިރެކޭ ތި ގަންނަނީ،" މަޑުމަޑުން ގާތްވަމުން އަހަރެން ބުނީމެވެ. "މަ ނޫޅެމޭ ކަމެއް ކުރާކަށް."
"ތީ ހާދަހާ ނުބައި ވަހެއް ދުވާ އެއްޗެކޭ،" ނަންނުގައްޗެއްހެން ގުރުވެލައިފައި ހާޝިމް ބުންޏެވެ. "ދުރަށް ގެންދޭ!"
އަހަރެން ރުމާލާ އެއްކޮށް ހާޝިމްގެ އަތުގައި ހިފީމެވެ. އޭނާ ހަޅޭއްލަވައިގަތެވެ. އެ ހިސާބުން ހާޝިމް މިޒާޖު ބަދަލުވިއެވެ. ދެ ލޯ ބޮޑުކޮށްލައިފައި އަހަންނާ ދިމާއަށް ކަޅިއަޅަން ފެށިއެވެ. ދެން އެސްފިޔައެއް ނުޖަހައެވެ. އަހަރެން އޭނާގެ ލޯމަތީގައި އަތްއެޅީމެވެ.
"މަގޭ ލޯ! މަގޭ ލޯ!" ހާޝިމް ހަޅޭއްލަވައިގަތެވެ.
މަންޒަރު ބަލަން އިން ހާޝިމްގެ ބޭބެ ފުންމައިގެން ތެދުވިއެވެ. އޭނާ ހީކުރީ ހާޝިމަށް ތަދުވަނީ ކަމަށެވެ. އެހެން މީހަކު ހުރި ނަމަވެސް ހީވާނީ އެހެންނެވެ. އަހަރެންގެ އަތުގެ އިޝާރާތުން ބޭބެ ހުއްޓުވީމެވެ. ދުރުގައި ހުރުމަށް އެދުނީމެވެ.
"ދައްކަ ދައްކަ ދައްކަ ދައްކަ ދައްކަ!" ހާޝިމް ހަޅޭއްލެވިއެވެ. "ދައްކަ ދައްކަ ދައްކަ!"
ހާޝިމްގެ ލޯމަތިން އަހަރެން އަތެއް ނުނަގަމެވެ. އޭނާ ބޯ ހަލުވަން ފެށިއެވެ. ކުއްލިއަކަށް ދެ ދަތްޕިލަ ޖައްސައިލިއެވެ.
"ޝީޝް!" ހަރުފަ ލައްވާ ކަހަލަ އަޑެއް ހާޝިމް ލައްވައިލިއެވެ.
ހާޝިމްގެ ހަށިގަނޑު ތެރެއަށް ވަދެގެން އުޅޭ ޖިންނިއަކީ ބިޗުލެއް ނުވަތަ ނަންނުގައްޗެއް ނޫނެވެ. އެއީ ހަރުފައެކެވެ. އެ ކަން އަހަންނަށް ޔަގީންވީ އޭނާ ލައްވަން ފެށި އަޑުންނެވެ.
"ކަކަކަކަކަކަކަކަ!" ހާޝިމްގެ އަޑު ގަދަވާން ފެށިއެވެ.
ޖިންނީންގެ ތެރޭގައި އުޅޭ އަންހެން ވައްތަރެއް އެ ގޮތަށް ހެޔެވެ. އަހަންނަށް ވިސްނުނު ގޮތުގައި، ހާޝިމާ އަވަލަވައިގެން އުޅެނީ އަންހެން އެއްޗެކެވެ. އެންމެ ވައްތަރުވާނީ ކަޅު ކުލައިގެ ހަރުފައަކާއެވެ. ހުނުމަކީ ޖިންނީން އެންމެ ގިނައިން ކުރާ ކަންތަކެވެ. ކޮންމެ ސިފައަކަށް ހުއްޓަސް ވެހެވެ. އަހަރެން ހުރީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ. އެކަމަކު، ހާޝިމް ބޯ ތަޅުވައިލި ގޮތަކުން އަހަރެންގެ އަތް ކައްސައިލިއެވެ.
"މުނާޒު ފެނިއްޖެ!" ނުބައި ރާގަކަށް ހާޝިމް ބުނެލިއެވެ. "ދެން އެނގޭނެ."
ކުއްލިއަކަށް ހާޝިމް ހަމަހިމޭންވިއެވެ. އޭނައަށް އެއްވެސް ކަމެއް ނުވާ ކަހަލައެވެ. އަހަރެން އަތް ނެގީމެވެ. ހާޝިމް ލޯ މަރައިގެން އޮވެފައި މަޑުމަޑުން ހުޅުވައިލިއެވެ. އަހަންނަށް ބަލައިލިއެވެ. ތެދުވެފައި ސޯފާގައި އިށީނެވެ. ވިސްނަން އިނދެލައިފައި ތެދުވެގެން ހިނގައިގަތެވެ.
"ދިޔައީ!" އަހަންނަށް ބަލައި ވެސް ނުލައި ހާޝިމް ބުނެލިއެވެ.
ފަރުވާއެއް ދޭން ގެންނަ މީހާ، އާންމު ގޮތެއްގައި ދާނީ ރާޤީ ބުނީމައެވެ. ނުވަތަ ރާޤީގެ ހުއްދަ ލިބިގެންނެވެ. ހާޝިމް ދިޔައީ އަހަރެން ބުނެގެނެއް ނޫނެވެ. އެކަމަކު އަހަރެން އޭނައެއް ނުހުއްޓުވަމެވެ. ފަހުން ހާޝިމްގެ ޚަބަރެއް ނުވެއެވެ. ހަބީބަށް ގުޅާފައި އަހަރެން އެ ހުރިހައި ވާހަކައެއް ކިޔައިދިނީމެވެ.
"އެ އައީ ފެންކިޔެވި މީހާގެ މޫނު ބަލައިލަންކަމަށް ވެދާނެ،" ހަބީބު ބުންޏެވެ. "ކަލޭ އެ ކަމާ ހާސްވާނެކަމެއް ނެތް. އޭނައަކަށް ނުކުރެވޭނެ އެއްކަމެއް ވެސް. އެކަމަކު، ޖިންނި ގެންނަން ކަލޭ ކަމެއް ނުކުރަނީސް، އިސްވެ އޭނާ އަމިއްލައަށް ކަލޭ ގާތަށް އައުން އެއީ މައްސަލައެއް. ހީކުރި ވަރުގެ ކުޑަ ކަމެއް ނޫން ތީ. ހުރެ މަ އައިސް ތި ކަމާ އުޅޭނަން."
ހަބީބަށް މާލެ ނާދެވެނީސް، ޒުލްފާ ގުޅިއެވެ. ޒުލްފާއަކީ ހާޝިމްގެ އަނބިމީހާއެވެ. ޒުލްފާގެ ޝަކުވާއަކީ، އާންމު އިންސާނެއް އުޅޭހެން ފިރިމީހާ އުޅޭތަން ނުފެނުމެވެ. ހާޝިމް ކުރިއަށް ވުރެ ބަސް މަދުވުމެވެ. ނިދާ ގަޑި އާއި ހޭލާ ގަޑި ތަފާތުވުމެވެ. ފިކުރުކުރަން އެކަނިމާއެކަނި މާ ގިނައިރު އިނުމެވެ. ކެއުމާ ދުރުވުމާއި، ފެންވަރާ ގަޑި ތަފާތުވުމާއި، ކުއްލިއަކަށް ކަޅު ކުލައަށް ލޯބިކުރަން ފެށުމެވެ. އެ އަށް ވުރެ ވެސް ބޮޑަށް ޒުލްފާއަށް އުނދަގޫވީ، އެއްވެސް ކަމަކާ ނުލައި ހާޝިމް ވަރަށް ބާރަށް ހޭން ފަށާތީއެވެ.
"ތި ހިސާބަށް ދާއިރު، އެހެން މީސްމީހުންގެ ކޮންޓުރޯލު އޮންނާނީ ޖިންނީގެ މުށުގައި،" އަހަރެން ބުނެދިނީ ފެންނަން ހުރި ރަނގަޅު ކަންތައްތަކެވެ. "އެކަމަކު ހާޝިމް މޮޔައެއް ނުވޭ. އޭނާގެ ހަމަހޭ އެބަހުރި. މަ މިހެން ބުނެލިޔަކަސް ހިޔެއްނުވޭ ވިސްނޭނެހެނެއް އެކަމަކު އެއީ ވަރަށް ބޮޑު ނަސީބެއް. ދެން ހަދަންވީ ގޮތެއް ބުނަން؟ މަ ލިޔެފައި ދޭނަން އެއްޗެހިތަކެއް. އޭނާ ލައްވާ އެ ކިޔުއްވޭތޯ ބަލާ! އޭރުން ހާޝިމް އަބަދު ވެސް ހުންނާނީ މިނިވަނެއް ގޮތުގައި."
އަހަރެން ދިން އެއްޗެހި ނުކިއުއްވިގެން އުޅެނިކޮށް ހާޝިމް "އަންހެންދުޅާ" ވެއްޖެއެވެ. ހަރަކާތްތައް ލޫޅާފަތި ވެއްޖެއެވެ. އަންހެން ޖިންނިއެއް އަވަލެވުމުން އިންސާނާގެ މިޒާޖު އަންހެންވެއެވެ. ވާހަކަދައްކާ ރާގާއި، ހީނސަމާސާކޮށް އުޅޭ ގޮތް ވެސް ބަދަލުވެއެވެ. އެ ކަމުގައި ވެސް ރަނގަޅެއް އޮތެވެ. ގޭތެރޭގައި ހުންނަ އެއްޗެހިތައް ހަލާކު ނުކުރުމާއި، ހުތުރު ބަހުން ވާހަކަ ނުދެއްކުމާއި، އަޑު ގަދަ ނުކުރުމެވެ. ލިބުނު ފައިދާއަށް ވިސްނުމުގެ ބަދަލުގައި ޒުލްފާއަށް ފެނުނީ ގެއްލުންތަކެވެ.
"ދެން ކިހިނެއް ހަދަނީ؟" ކަންބޮޑުވެފައި ހުރި ޒުލްފާ ބުންޏެވެ. "މަށަކީ ހާޝިމްގެ އަނބިމީހާ. މަ ބޭނުމެއް ނޫން ހާޝިމަކީ މަގޭ އަނބިމީހާއަށް ވާކަށް."
އަހަރެން އެދިގެން، ދެވަނަ ފަހަރަށް ހާޝިމް އައެވެ. އޭރު ހަބީބު ވެސް ހުއްޓެވެ. އެ ރޭ ހާޝިމް ހުރީ ފާޑަކަށް ރަކިވެފައެވެ. އަތުގައި ރުމާލެއް އޮތެވެ. ދޭތެރެއަކުން ރުމާލުގެ ކަން އަނގައަށް ލައެވެ. ހީނގަންނަ ކޮންމެ ފަހަރަކު މޫނުމަތީގައި ދެ އަތް އަޅައެވެ. އިށީނުމާ އެކު އެއް ފައި މައްޗަށް އަނެއް ފައި އެއްލައެވެ. މިޒާޖު ވަރަށް ތަފާތެވެ. ހަބީބު ކިޔަވަން ފެށިއެވެ. ޖިންނި ގެނައެވެ. ގެނައުމުގެ މާނައަކީ، ލޯމައްޗަށް ފެންނަ ގޮތަށް ގެނައުމެއް ނޫނެވެ. ޖިންނީގެ ފަރާތުން ވާހަކަދައްކަނީ ހާޝިމެވެ. އައި ވާހަކަ ވެސް ބުނާނީ އޭނައެވެ. ނަން ބުނުމަށް އެދުނީމެވެ.
"ނުބުނާނަން،" ހާޝިމްގެ އަޑު ބޭނުންކޮށްގެން ޖިންނި ވާހަކަދެއްކިއެވެ. "ނިކަން ބުނުވަބަލަ!"
ފުރަތަމައިނުން ވެސް ގޮންޖަހަން ކެރޭނީ ވަރަށް ގަދަފަދަ ޖިންނީންނަށެވެ. މާރިދުން ނުވަތަ އިފުރީތުންނަށެވެ.
"ބުނަން ޖެހޭނީ،" ހަބީބު ކުޑަކޮށް ވެސް ދުލެއް ނުދިނެވެ. "ތި އޮތް ތާކުން ނުކުމެގެން ރައްކާވޭ! ރުހުމުގައި ހިނގައްޖެއްޔާ ކަލެއަކަށް އަނިޔާއެއް ނުވާނެ. މަގޭ ވަގުތު ވެސް ސަލާމަތްވާނެ."
އަހަރުމެން ކިތަންމެ ފުރުޞަތެއް ދިނީމެވެ. ބޭނުމެއް ނުކުރިއެވެ.
"ނުޖެހޭ ބުނާކަށް،" ޖިންނި ވެސް ހުރީ ގޮތުގައެވެ. "މަ އައީ އަމިއްލައަށް. ދާނީ ވެސް މަ ހިތަށްއެރި އިރަކުން. ކަލޭގެ އެއްވެސް ކަމަކާ މަށެއް ނުބެހެމެއްނު! ދެން ކަލެއަށް ކީއް؟ ކަލޭ ދޭބަލަ މި ތަނުން."
ހާޝިމް ތޫލި އަޑަކުން ހޭން ފެށިއެވެ. ދޭތެރެއަކުން ހަރުފަ ލައްވާ ކަހަލަ އަޑެއް ވެސް ލައްވައިލައެވެ. ކުއްލިކުއްލިއަށް އެކި ދިމަދިމާއަށް ބަލައިލައެވެ. ހަރުފަ ލައްވާ ގޮތަށް ހަށިގަނޑުން ބަނޑިލައްވަން ވެސް މަސައްކަތް ކުރެއެވެ. ވަރަށް ލަސްލަހުން މަޑުމަޑުންނެވެ. ދޫ ނެރެން އުޅޭހެން ވެސް ހީވެއެވެ. ހަބީބު ދެން ކިޔަވަން ފެށީ އަޒާބުގެ އާޔަތްތަކެވެ. އެ ހިސާބުން ހާޝިމް މައިތިރިވިއެވެ. އަހަރުމެންގެ އަޑު އަހާހެން ހީވިއެވެ.
"ދެން ހުއްޓާލާ!" ހާޝިމް އެދުނެވެ. "ހުއްޓާލާ! ކޯޗެއް ބުނެދޭންވީ؟"
އެއީ ޖިންނީންގެ ވައްތަރެވެ. ބިރުކުޑަކަމަށް ހެދޭނެއެވެ. ބުނާ އެއްޗަކަށް ދޭތި ބުނާނެއެވެ. ހަމަ ކުއްލިއަކަށް ހަތިޔާރު ބަހައްޓާނެއެވެ. އަނެއްކާ އަލުން ހަތިޔާރު ނަގާލެއް ވެސް އެހާ އަވަސްވާނެއެވެ.
"ކާކު ފޮނުވައިގެން ކަލޭ ތި އައީ؟" ސުވާލުކުރީ އަހަންނެވެ.
"މީހަކު ފޮނުވައިގެނެއް ނޫން،" ހާޝިމް ވަގުތުން ޖަވާބުދިނެވެ. "އޭނާ ފެނިފައި އަޅައިގަތީ. ކަލޭމެން ކިޔާނީ އަވަލެވުން. އަހަރުމެން ކިޔަނީ ލޯބިވުން." (ނުނިމޭ)