26 ސެޕްޓެމްބަރ 2022 - 22:11

ސްރީ ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅުކުރަން އެ ގައުމަށް އެހީ ހޯދުމަށްޓަކާ ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.
މީގެ ހަތަރު ވަރަކަށް މަސް ކުރިން ލަންކާއަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ފުރުސަތު އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވަނީ ނަޝީދަށް ދެއްވަވައިފަ އެވެ. އެއީ ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ.
މަޖިލީހުން މިރޭ ބުނީ ލަންކާގެ އިގްތިސޯދީ ހާލަތާ ގުޅޭގޮތުން ބޭރުގެ އެހީ ހޯދުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސަައްކަތުގެ ތެރެއިން މި ދަތުރުގެ ބޭނުމަކީ ސީވީއެފް އަދި ލަންކާ މިޝަންއާ ބައްދަލުކުރެއްވުން ކަމަށެވެ.
ނަޝީދަކީ ލަންކާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު އިދިކޮޅުގެ ގިނަ އިސްވެރިން ހަރަކާތްތެރިވީ ވެސް ލަންކާގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ގައުމުން އެޅި ފިޔަވަޅުތަކާ އެކު ލަންކާގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ދަށްވި އެވެ. ބޭރު ފައިސާ ލިބުން ހުއްޓު މުޅި ގައުމު ބަނގުރޫޓުވުމާ ގާތަށް ދިޔައިރު މުވައްޒަފުންނަށް މުސާރަ ދޭނެ ގޮތެއް ނެތިގެން ފައިސާ ޗާޕުކުރަން ޖެހި، ތެލާއި އެހެނިހެން ޒަރޫރީތަކެއްޗަށް ވެސް ގައުމު ޖެހުނެވެ.
އެކަމާ ނުރުހުންވެ ރައްޔިތުން ނުކުމެ ކުރި މުޒާހަރާތަކާ ހިންގި ހަމަނުޖެހުމާ އެކު އޭރުގެ ބޮޑު ވަޒީރު މަހިންދަރަ ރާޖަޕަކްސައަށް އިސްތިއުފާ ދެއްވުމަށް މަޖުބޫރުވި އެވެ. އެކި ފަހަރު މަތިން ބޮޑުވަޒީރުކަން ކުރެއްވި ރަނިލްއަށް އަލުން އެ މަގާމު ލިބިވަޑައިގަތީ އެ ހިސާބުންނެެވެ.