27 ސެޕްޓެމްބަރ 2022 - 07:47

ލަވަކިޔުންތެރިންގެ ހުނަރު ދައްކައިދޭ މަޝްހޫރު ޓެލެންޓް ޝޯ، "އައިޑަލް" ގެ ދަށުން ސައުދީ އަރަބިއްޔާގައި ސައޫދީ އައިޑަލް ބާއްވަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.
އެ ޝޯ އިއުލާންކޮށް، ސައުދީގެ ޖެނަރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީއީއޭ) ގެ ޗެއާމަން ތުރްކީ އަލް ޝެއިހް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ޝޯގެ ޝޫޓިންތައް ފަށާނެ ކަމަށާއި އެކަމަކު އެ ޝޯގެ ފުރަތަމަ އެޕިސޯޑު ދައްކާނީ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
އެ ޝޯއަކީ އެމްބީސީ ގްރޫޕާއި ޖީއީއޭ ގުޅިގެން ލޯންޗުކުރާ ޝޯއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޝޯ މެދުވެރިކޮށް، ސައުދީގައި ތިބި ހުނަރުވެރި ލަވަކިޔުންތެރިން ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝޯގެ ޖޫރިންގެ ގޮތުގައި ޔަމަނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަސީލް އަބޫ ބަހްރާއި އަހްލާމާއި އަސަލާ އަދި މާޖިދު އަލް މޯހަންދިސް ބައިވެރިވާނެ އެވެ.
އައިޑަލް ޕްރެންޗައިޒްގެ ދަށުން ސައުދީ އައިޑަލް ބާއްވަން ނިންމިއިރު މިއީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބާއްވާފައިވާ މުބާރާތެކެވެ.