26 ސެޕްޓެމްބަރ 2022 - 19:56

އެޗްޑީސީގެ ނަމުގައި އެކި މީހުންނަށް ގުޅައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަކަށް ބޭނުންވެ، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެހެންވެ ވީޑިއޯއަކާ އެކު ފުލުހުން ވަނީ އެ ދެމީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. ވީޑިއޯގައި ފެންނަނީ ދެ ސަރަހައްދެއްގެ ސީސީޓީވީ ފޫޓޭޖެކެވެ.
އެ ދެ ފިރިހެނުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދެ އެވެ.
ފްލެޓް ދޭނެ ކަމަށް ބުނެ ފައިސާގެ މުއާމަލާތްތައް ހިންގުމަށް މޯބައިލް ނަމްބަރުތަކުން އެޗްޑީސީގެ ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލަ ވަރަށް ބޮޑެވެ. އެހެންވެ ފޭކް ކޯލްތަކުގެ މަޅީގައި ނުޖެހުމަށާއި ފްލެޓް ލިބޭނެ ކަމަށް ބުނެ މޯބައިލް ނަމްބަރުތަކުން އެ ކުންފުނިން ނުގުޅާނެ ކަމަށް ބުނެ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.