26 ސެޕްޓެމްބަރ 2022 - 15:43

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް ކައިރީގައި ޕާކެއް ހެދުމަށާއި ފުރަތަމަ ފިޔަވަހީގައި ބީޗު ބެލްވާޑެއް ތަރައްގީކުރުމަށް އެޗްޑީސީން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ އިއްޔެ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ އެޗްޑީސީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ އެ ދެ މަޝްރޫއު އަށް ހިނގާ ހަރަދުގެ ތަފުސީލެއް ނުލިބުނެވެ.
ހިޔާ ފްލެޓުތައް ކައިރީގައި ހަދާ "ހިޔާ ޕާކު" ހެދުމުގެ މަސައްކަތުގެ ދަށުން އެ ޕާކުގައި ގާޑަން އޭރިއަކާއި ޕާކު އެތެރޭގައި ހިނގާނެ މަގުތަކާއި ޕްލާޒާއެއް ހެދުން ވެސް ހިމެނެ އެވެ. އެ ޕާކު ހެދުމަށް އެޗުޑީސީން މި އަހަރު ކުރީކޮޅު އާންމުންގެ ހިޔާލު ވެސް ހޯދާފައިވެ އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިރުމަތީ ފަރާތުގައި ހަދާ ބީޗު ބެލްވާޑްގެ މަސައްކަތުގެ ދަށުން، އެތަނުގައި ހިނގާނެ މަގު ހެދުމާއި ރޭމްޕް ބެހެއްޓުމާއި ލައިޓް ހަރުކުރަން ނިންމާފައިވެ އެވެ.