26 ސެޕްޓެމްބަރ 2022 - 17:03

މީގެ ހަފްތާއެއް ކުރިން ހުޅުމާލޭ ދެ ވަނަ ފިޔަވަހި ސަރަހައްދުން ގެއްލުނު ހ. ބޮނދިކަނދޮޅުގެ މުހައްމަދު އަޒްހާން، 27، ގެ އާއިލާއަށް މިއީ ވަރަށް ހިތާމަވެރި ވަގުތެކެވެ. އެކަމަކު، އަޒްހާން ފެންނާނެކަމުގެ އުއްމީދުގައި އެ މީހުން ތިބީ ދުއާ ކޮށްކޮށްލަ އެވެ.

އަޒްހާންއަކީ އޭނާގެ މަންމަ އާއި ބައްޕަގެ ދެ ދަރިންގެ ތެރެއިން ފިރިހެން ކުއްޖާ އެވެ. އޭނާގެ ދޮއްޓަށް ހުންނަނީ ދައްތަ، ފާތުމަތު އަޒްމީ އަހްމަދެވެ.
"މިހާރު" އާ ވާހަކަ ދައްކަމުން އަޒްމީ މިއަދު ބުނީ އަޒްހާންގެ ހަބަރެއް އެންމެ ފަހުންވީ އޭނާގެ ލޯބިވެރިޔާއަށް ކަމަށެވެ. އާދީއްތަ ދުވަހު ހެނދުނު އޭނާގެ ލޯބިވެރިޔާއާ މެސެޖުން ވާހަކަ ދެއްކި ކަމަށާއި އެ ދުވަހު ހެނދުނު ގެއިން ނުކުމެގެން ދިޔަ ގޮތަށް ނުފެންނަ ކަމަށް އަޒްމީ ބުންޏެވެ.
"ގާލްފްރެންޑަށް މެެސެޖު ކުރީ ސަންޑޭ މޯނިންގައި، އިޓްސް ދި ލާސްޓް ކޮންޓެކްޓް،" އަޒްމީ ބުންޏެވެ.
އަޒްހާން ގެއްލެން ދިމާވި ގޮތާ ގުޅިގެން އާއިލާއަށް ވެސް އެއްޗެއް ބުނަން ނޭނގޭ އެންމެ ބޮޑު އެއް ސަބަބަކީ، އޭނާ ގެއިން ނުކުތްއިރު ވެސް ވަރަށް ހަމަޖެހިފައި ހުރުމެވެ. އެއްވެސް ގޮތަކަށް ހާސްކަމާއި ކަންބޮޑުވުމުގެ ނުވަތަ ރުޅިވެރިކަމުގެ އަސަރެއް ފެންނަން ނެތުމެވެ.
އަޒްމީ ބުނި ގޮތުގައި އަޒްހާންއަށް ބަޔަކު ގެއްލުމެއް ދޭން ޖެހޭ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ. އަދި އޭނާ އުއްމީދުކުރަނީ ވެސް އެފަދަ ހިތާމަވެރިކަމެއް ހިނގައިފައި ނުވާނެ ކަމަށެވެ. އަދިވެސް އުއްމީދަކީ ހެޔޮހާލުގައި ކޮއްކޮ ފެނުން ކަމަށް އޭނާ ބުންޏެވެ.
"އަޒްހާންއަކީ އެއްވެސް މީހަކާ ރުޅި ހަދައިލައިގެން އުޅޭ މީހެއް ނޫން. އެއްވެސް މީހަކާ ވާހަކަ ނުދައްކާ ނުހުންނާނެ. އަބަދުވެސް ހިނިތުންވެފައި ހުންނާނީ،" އަޒްމީ ކިޔައިދިނެވެ.
އަޒްހާން އަކީ އެންމެންނާ ވެސް ގުޅޭ އަބަދުވެސް ހިނިތުންވެފައި ހުންނަ މީހެއްކަމަށް އަޒްމީ ސިފަކުރި އެވެ. އަދި އާއިލީ ބައްދަލުވުންތަކުގައި ވެސް ވަރަށް އުފާވެރިކަމާއެކު އުޅޭ މީހެއް ކަމަށް ބުންޏެވެ. އަޒްމީ މި ވަގުތު ވަޒީފާއަކަށް ނުދާ ކަމަށް ވެސް އޭނާ ބުންޏެވެ. އަޒްމީގެ ފޭސްބުކްގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކުރިން އޭނާ މަސައްކަތް ކުރީ މެރާކީ ރެސްޓޯރެންޓުގަ އެވެ.
އަޒްހާންއާ ބެހޭ ގޮތުން ފުލުހުން އެންމެ ފަހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ރެޑްބުލް ޓާފް ކައިރިން ކަމަށެވެ. އެއީ ހުޅުމާލޭން ބްރިޖަށް އަރަން ދާއިރު އޮންނަ ސްކޭޓް ޕާކު ކައިރީގައި އޮންނަ ދަނޑެވެ.
އަޒްހާން ގެއްލިގެން ރިޕޯޓު ކުރީ މިދިޔަ އާދީއްތަ ދުވަހު ހެނދުނު 6:00 އިން ފެށިގެން ހަބަރެއް ނުވެގެން ޖެހިގެން އައި ހޯމަ ދުވަހުގެ ރޭ 7:00 ހާއިރު އެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ސީސީޓީވީ ފުޓޭޖުތައް ބެލިބެލުމުން ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓްހައުސް އަކުން ކާރެއްގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ދުވަހު ފަތިހު 4:53 ހާއިރު ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ގެސްޓު ހައުސްއަށް އަނބުރާ ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އެ ދެ ކާރު ޑްރައިވަރުން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުުހުން ބުނެ އެވެ.
އަޒްހާންގެ އާއިލާގެ އެދުމަކީ އާންމުންގެ ތެރެއިން އަޒްހާންގެ މައުލޫމާތު އެނގޭ އެކަކު ވެސް ހުރި ނަމަ ފުލުހުންނާ ހިއްސާކޮށްދިނުމެވެ. އަޒްހާން ފެންނާނެކަމުގެ އުއްމީދު އާއިލާއަށް އަދިވެސް ވަރަށް ބޮޑަށް އެބައޮތެވެ.
އަޒްހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.