ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް ރާއްޖޭގައި ބާއްވަނީ
ބައިނަލްއަގްވާމީ އިންޖިނިއަރުންގެ ކޮންފަރެންސް ރާއްޖޭގައި ބާއްވަނީ

ދެ ވަނަ އިންޓަނޭޝަނަލް ކޮންފްރެންސް އޮން އިލެކްޓްރޯނިކް، ކޮމްޕިއުޓާ، ކޮމިއުނިކޭޝަންސް އެންޑް މެކެޓްރޮނިކްސް އިންޖިނިއަރިން (އައިސީއީސީސީއެމްއީ) މިއަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އެ ކޮންފަރެންސަކީ ތުރުކީގެ އަކްސަރީ ޔުނިވަސިޓީން އިންތިޒާމްކޮށްގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އަދި ޔުނިވަސިޓި އޮފް މޮރިޝަސްއާ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.

މި އަހަރުގެ އައިސީއީސީސީއެމްއީ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 16 އިން 18 އަށް އެމްއެންޔޫގަ އެވެ.

އެމްއެންޔޫ އިން ބުނީ އެ ކޮންފަރެންސްގައި ކަމާގުޅޭ އިދާރާތަކުގެ ދާއިރާގެ ތަޖުރިބާކާރުންނާއި، ތައުލީމީ ބޭފުޅުންނާއި އަދި އިންޖިނިއަރުން އެއްވެ، އިލެކްޓްރިކް، ކޮމްޕިއުޓަރު، ކޮމިއުނިކޭޝަން އަދި މެކަޓްރޮނިކް އިންޖިނިއަރިންއާ ގުޅޭ މައުލޫމާތާއި ހިޔާލު ހިއްސާކުރާނެ ކަމަށެވެ.

ކޮންފަރެންސްގެ ތަރެއިން ކުރިއަށްދާ ކޮމްޕްރިހެންސިވް ޓެކްނިކަލް ޕްރޮގްރާމުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީ އާއި އެޕްލިކޭޝަންތައް ދައްކުވައިދޭ ރިސާޗް ޕޭޕަރުތަކާއެކު ޓެކްނިކަލް ސެޝަންތަކެއް ކުރިއަށް ދާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

ކޮންފަރެންސްގައި ސޯލާ ޓެކްނޮލޮޖީ، އިލެކްޓްރިކަލް މެޝިން، ރިނިއުބަލް އެނާޖީ ސިސްޓަމް، ކޮމްޕިއުޓާ ނެޓްވޯކް، އާޓިފިޝަލް އިންޓެލިޖެންސް، ރޮބޮޓިކްސް އަދި އޮޓޮމޭޝަން ފަދަ ވަރަށް ގިނަ މައުލޫތަކާ ގުޅޭ މަޝްވަރާ ކުރާނެކަމަށް ވެސް އެމްއެންޔޫ އިން ބުނެ އެވެ.

އެމްއެންޔޫން ބުނިގޮތުގައި މި އަހަރުގެ ކޮންފަރެންސްގައި ގާތްގަނޑަކަށް 400 ރިސާޗް ޕޭޕަރު ހުށަހަޅާނެ އެވެ. އޭގެތެރެއިން 165 ޕޭޕަރު ހުށަހަޅާނީ އޮންލައިންކޮށެވެ. ބާކީ ޕްރެސެންޓޭޝަންތައް ކުރިއަށް ދާނީ ފޭސް ޓު ފޭސްކޮށް އެމްއެންޔޫގަ އެވެ.

ތިން ދުވަހަށް ބާއްވާ އެ ކޮންފަރެންސްގެ ސެޝަންތައް ކުރިއަށް ދާނީ ހެނދުނު 9:00 އިން ރޭގަނޑު 8:00 އަށެވެ. އެމްއެންޔޫއިން ބުނީ ގާތްގަނޑަކަށް 250 ބައިވެރިން ފޭސް ޓު ފޭސް ސެޝަންތަކަށް އެ ކޮލެޖަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީ ވުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އައިސީއީސީސީއެމްއީގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ އެވެ.