09 ޖެނުއަރީ 2017 - 06:27

އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއްގެ އޯވަރީން ނެގި ޓިއުމަރެއްގެ ތެރެއިން ކުޑަކުޑަ ސިކުނޑިއަކާއި ބޮލުގެ ނާށިގަނޑަކާއި އިސްތަށި ފެނިއްޖެ އެވެ.
ނިއު ސައިންޓިސްޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޓިއުމަރެއްގެ ތެރެއިން މި އާދަޔާ ޚިލާފް ކަންތައް ފާހަގަވީ ޖަޕާނު އަންހެން ކުއްޖެއްގެ އެޕެންޑިކްސް ނެގުމަށް ކުރި އާދައިގެ އޮޕަރޭޝަނެއްގަ އެވެ. ކުއްޖާގެ އޯވަރީން ފެނުނު 10 ސެންޓިމީޓަރު ފުޅާ މިން ހުރި ޓިއުމަރު ފަޅާލައިގެން ބެލި އިރު ރަނގަޅަށް ފުރިހަމަ ނުވާ ކުޑަކުޑަ ސިކުނޑިއެއް އޮތް ކަމަށާއި އެ އެ ސިކުނޑީގެ ވަށައިގެ ނާށިގަނޑެއް ފަދައިން ކަށީގެ ތުނި ފަށަލައެއް ލެވި އިސްތަށި ވެސް ހުރި ކަމަށްވެ އެވެ.
މި ސިކުނޑި އިތުރަށް ދިރާސާކުރުމުން އެނގުނު ގޮތުގައި ފުރިހަމަ ސިކުނޑިއެއް ފަދައިން ސެލްތައް ވެސް ވަނީ ތަރުތީބު ވެފަ އެވެ. މި ޓިއުމަރު ދިރާސާކުރެއްވި ޑޮކްޓަރު މަސަޔޫކީ ޝިންޓާކޫ ވިދާޅުވި ގޮތުގައި އިލެކްޓްރިކް ޕަލްސްތައް ފޮނުވޭ ވަރަށް ސިކުނޑި ވަނީ ތަރައްގީވެފަ އެވެ. އަދި ސިކުނޑި އާއި މައި ނާރާ ގުޅުވައިދޭ ބައި ވެސް ތަރައްގީވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ.
އޯވަރީގައި އުފެދޭ ޓިއުމަރަކީ އާންމުގޮތެއްގައި ނުރައްކާ އެއްޗެއް ނޫނެވެ. ނަމަވެސް މި ކުއްޖާގެ އޯވަރީން މި ފެނުނު ޓިމަރުން މި ފެނުނު އާދަޔާ ހިލާފް ކަންކަމުގެ ހަގީގަތެއް ނޭނގެ އެވެ. އޯވަރީގައި އުފެދޭ ޓިއުމަރުން ބްރެއިން ސެލް ފެނުމަކީ އާންމު ކަމެއް ނަމަވެސް ސިކުނޑިއެއް އުފެދޭ ގޮތަށް އެ ސެލްތައް ތަރުތީބު ވުމަކީ އާދަޔާ ޚިލާފު ކަމެކެވެ.
"ސެންޓްރަލް ނާވަސް ސިސްޓަމުގައި ހުންނަ ކަންތައްތައް އޯވަރީގައި ހުންނަ ޓިއުމަރުން ފެނުނު ނަމަވެސް ފުރިހަމަ އިންސާނެއްގެ ސިކުނޑިއާ އެއްގޮތަށް ސެލްތައް ހުރުން އެއީ ނާދިރު ކަމެއް،" ޔުނިވަސިޓީ އޮފް ނިއު ސައުތު ވޭލްސްގެ ޑޮކްޓަރެއް ކަމަށްވާ އެންޖެލީކް ރައިޕްސޭމަން ނިއު ސައިންޓިސްޓަށް ވިދާޅުވެފައިވެ އެވެ.
އޯވަރީގައި ޓިއުމަރު ހުންނަ އެހެން އަންހެނުންނަށް ކުރިމަތިވާ އެއްވެސް އުނދަގުލެއް، މި އާދަޔާ ހިލާފް ޓިއުމަރު އޮތް ކުއްޖާ އަށް ކުރިމައްޗެއް ނުވެ އެވެ. އޯވަރީގައި ޓިއުމަރެއް އުފެދިއްޖެ ނަމަ ބިރުވެރި އިހްސާސްތައް ކުރެވުމާއި ހާސްވުމާއި ހަނދާން ބަލިވުން ފަދަ ކަންކަމާ ކުރިމަތިވާނެ އެވެ. މިއީ ޓިއުމަރުގައި ބްރެއިން ސެލް ހުންނާތީ، ހަށިގަނޑުގައި އިތުރު ސިކުނޑިއެއް އޮތް ކަމަށް ދިފާއީ ނިޒާމަށް ލިބޭ ސިގްނަލްތަކާ އެކު އެ ސިކުނޑި ހަލާކުކޮށްލަން ދޭ ހަމަލާތަކުގައި އަރާ އޮޅުމުގައި އަސްލު ސިކުނޑިއަށް ވެސް ހަމަލާ ދޭތީ ދިމާވާ ކަންކަމެވެ.
ސިކުނޑި އުފެދިފައި އޮތް ޓިއުމަރު ކުއްޖާގެ ހަށިގަނޑުން ނެގުމާ އެކު އެ ކުއްޖާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށާއި ހުރިހާ ކަމެއް ވެސް އާދައިގެ ގޮތެއްގައި ހުރި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.