26 ސެޕްޓެމްބަރ 2022 - 14:30

ބަޑިއެއް އޮވެދާނެތީ ރަނގަޅަށް ލަގެޖު ފާސްކުރަން ބުނި މީހަކު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެއާޕޯޓުން 37 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ ހައްޔަރުކުރީ ލަގެޖު ނެރެނިކޮށް، ބަޑިއެއް ވެސް އޮވެދާނެތީ އެ ރަނގަޅަށް އެ ފާސްކުރަން ބުނުމުންނެވެ. އެކަމަކު، އެއީ އެއާޕޯޓު މުވައްޒަފެއް ނުވަތަ ފަސިންޖަރެއް ކަމެއް އަދި ނޭނގެ އެވެ.
ބައިނަލްއަގުވާމީ އޭވިއޭޝަން އުސޫލުތައް ބުނާ ގޮތުން އާއްމުންގެ ރައްކާތެރިކަމާ ގުޅުންހުރި މިފަދަ ވާހަކަތައް ދެއްކުމަކީ މަނާ ކަމެކެވެ.
ހަނިމާދޫ އެއާޕޯޓުން މީހަކު ހައްޔަރުކުރި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ގެންދަވަނީ ހަނިމާދޫ މަގުން ތިލަދުއްމައްޗަށް ވަޑައިގެން ބައެއް ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.