ލަވައެެއްގެ ރިމޭކެއް ހަދައިގެން ނެހާއަށް ފާޑުކިޔަނީ
ލަވައެެއްގެ ރިމޭކެއް ހަދައިގެން ނެހާއަށް ފާޑުކިޔަނީ

ބޮލީވުޑްގެ ލަވަކިޔުންތެރިޔާ ނެހާ ކައްކަރު، އެންމެ ފަހުން ރިލީޒްކުރި "އޯ ސަޖްނާ" ލަވައާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެ އެވެ.

ނެހާ އެންމެ ފަހުން ކިޔާފައިވާ ލަވައަކީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ، ފަލްގުނީ ޕަތާކުގެ "މެއިނޭ ޕަޔަލް ހޭ" ގެ ރިމޭކެކެވެ.

އެ ލަވައާ އެކު ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ނެހާއަށް ފާޑުކިޔައިފަ އެވެ. ރިމޭކް ހަދައިގެން ރީތި ލަވަތައް ހުތުރުކުރަން ނެހާ މަސައްކަތްކުރާ ކަމަށާއި އޮރިޖިނަލް ލަވައާ އެއްވަރަށް އޭނާއަށް ލަވަ ނުކިޔޭނެ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ.

އޮރިޖިނަލް ލަވަ ކިޔާފައިވާ ފަލްގުނީ ވެސް ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. އެ ލަވަ ހެދުމުގެ ކުރިން އޭނާއާ ވާހަކަ ދައްކާފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފާޑުކިޔުންތަކަށް ރައްދުދީ ނެހާގެ މެެސެޖް ފަށާގައި ވަނީ އޭނާ އުފަލުން އުޅޭތަނާއި އޭނާއަށް ދިރިއުޅުމުގައި ލިބޭ ކާމިޔާބީ ބަލަން ކެތްނުވާ މީހުންނަށް ހާއްސަކުރާ ޕޯސްޓެއް ކަމަށް ބުނެ އެވެ.

ނެހާ ބުނީ އޭނާއަށް ލިބިފައިވާ ފަދަ ކާމިޔާބީއެއް ދިރިއުޅުމުގައި ލިބިފައިވަނީ ދުނިޔެއިން މަދު ބަޔަކަށް ކަމަށާއި ވަކިން ހާއްސަކޮށް އެހާ ޒުވާން އުމުރެއްގައި މަޝްހޫރު ކަމާއި މީހުންގެ ލޯބި ލިބި އެތައް ލަވައެއް ހިޓްވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ވެސް އޭނާއަށް ސަޕޯޓުކުރާ އެތައް ބަޔަކު އެބަ ތިބި ކަމަށާއި އެ ހިސާބަށް އޭނާއަށް ދެވުނީ އޭނާގެ ބުރަ މަަސައްކަތުން ކަމަށެވެ.

ޓީސީރީޒުން ނެރެފައިވާ އެ މިއުޒިކް ވީޑިއޯގައި ނެހާ އާއެކު ޕްރިޔަންކް ޝަރްމާ އާއި ދަނުޝްރީ ވަރްމާ އުޅެ އެވެ.