25 ސެޕްޓެމްބަރ 2022 - 14:18

އެތައް ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރު ރިކޯޑު ކުރި މައްސަލައިގައި ބަންގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ކޮށްފައިވާ އޮރިޔާންކާޑު އުފެއްދުމުގެ 40 ދައުވާއަށް އަންނާނީ ގާތްގަނޑަކަށް ތިން އަހަރުގެ ޖަލު ހުކުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އަލަމްގީރްގެ މައްޗަށް މީގެ ކުރިން އުފުލި އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަށް އޭނާ އިއުތިރާފުވުމުން އައީ ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އިއްޔެ ބޭއްވި އަޑުއެހުމުގައި އަލަމްގީރް ވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އިއުތިރާފުވެފަ އެވެ. އެހެންވެ، އަވަސްނިޔާއިން މައްސަލަ ނިންމުމަށް އަންނަ ބުދަ ދުވަހަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކުއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި ކޮންމެ ދައުވާއަކަށް އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ދެ އަހަރާއި 11 މަހާއި 15 ދުވަހުގެ ހުކުމެކެވެ.
އާންމުކޮށް އެއްފަހަރާ އެއް ދައުވާއަށް ވުރެ ގިނަ ދައުވާ އެއް ފޯމަކުން ކުރާ ނަމަ، ގާނޫނުގައި އޮންނަ ގޮތުގެ މަތިން ކޮންމެ ދައުވާއަކަށް ލިބޭ އަދަބުން ދެބައިކުޅަ އެއްބައި ކުޑަ ކުރެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އަލަމްގީރްގެ މައްޗަށް ކޮށްފައިވާ 40 ދައުވާއަކީ ވެސް ތަފާތު އެކި ހާދިސާތަކުގެ މައްޗަށް ކޮށްފައި ހުރި ދައުވާތަކެއް ކަމަށް ވާތީ އެ ލުއި އޭނާއަށް ނުލިބޭ ގޮތަށް އެދެން ވަނީ ނިންމައިފަ އެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތަށް އިތުރު ތިން ދިވެއްސަކަށް ދައުވާ ކޮށްފައިވެ އެވެ. އެއީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.
އެ މީހުންގެ ތެރެއިން ރަފީއު އެއް އަހަރަށް ޖަލަށް އަދި ނާޒިމް ތިން މަހަށް ގޭބަންދު ކުރަން މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އަލަމްގީރްއާ އެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ބޭނުންކޮށްގެން އޭނާއާ އެކު ޖިިންސީ ގުޅުން ހިންގި މީހުން ބްލެކްމެއިލް ކުރި މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ފުލުހުން މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.