25 ސެޕްޓެމްބަރ 2022 - 12:42

ބުރުގާ އެޅުމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި އަންހެނަކު މަރުވުމާ ގުޅިގެން، އީރާންގެ އެކި ސަހަރުތަކުގައި ކުރަމުންދާ މުޒާހަރާތައް ދުވަހުން ދުވަހަށް ވަރުގަދަވަމުން ގޮސް، 10 ދުވަސް ފާއިތުވެ ދިޔައިރު، މަދުވެގެން 35 މީހަކު މަރުވެ 1200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި އެވެ.

އީރާންގެ އާންމުން މުޒާހަރާ ކުރަން ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މި މަހުގެ 16 ވަނަ ދުވަހު އެވެ.
އީރާންގެ ތަސްނީމް ނޫސް އޭޖެންސީން އިއްޔެ ބުނި ގޮތުގައި ޖުއިލާން ޕްރޮވިންސުން އެކަނިވެސް، މިދިޔަ ހަތް ދުވަހު މުޒާހަރާތަކުން 739 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ޕްރޮވިންސުން ހައްޔަރު ކުރި މީހުންގެ ތެރޭގައި 60 އަންހެނުން ވެސް ހިމެނެ އެވެ. އެ އޭޖެންސީން ބުނި ގޮތުގައި މުޒާހަރާތަކުގައި އީރާންގެ އެކި ކަންކޮޅުތަކުން މިހާތަނަށް ހައްޔަރު ކުރި މީހުންގެ އަދަދު 1200 އަށް ވުރެ ގިނަ އެވެ.
އަންހެން މީހާ މަރައިލުމުން އެކަމާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތައް މިހާރު ވަނީ އެ ގައުމުގެ 31 ޕްރޮވިންސްގެ ތެރެއިން ގިނަ ޕްރޮވިންސްތަކަށް ފެތުރިފަ އެވެ. ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަވާން ފެށުމާ ގުޅިގެން، އެ މުޒާހަރާތަކަށް ރައްދު ދީ، ސަރުކާރަށް ތާއިދު އޮތް ކަން ދެއްކުމުގެ ގޮތުން، ސަރުކާރުން އިންތިޒާކުރި މުޒާހަރާތަކެއް މިދިޔަ ހުކުރު ދުވަހު، އީރާންގެ ބައެއް ސަހަރުތަކުގައި ބޭއްވި އެވެ.
ފުލުހުންގެ އަމުރުތަކަށް ކިޔަމަން ނުވެ، އާންމުން މަގުތަކަށް ނުކުމެ ޓަޔަރުތައް ފަދަ ތަކެތި މަގު މެދަށް ނެރެ އަލިފާން ރޯކޮށް މަގުތައް ބަންދުކުރުމާ ގުޅިގެން، އީރާންގެ ރައީސް އިބްރާހީމް ރައީސީ އިއްޔެ ވަނީ، މުޒާހަރާގެ ބައިވެރިންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ގައުމުގެ ހަމަޖެހުން ނަގާލައި ސަލާމަތީ ބާރުތަކާ ކުރިމަތިލާ މީހުންނާ ދެކޮޅަށް، ހަރުކަށިމަކާ އެކު މުއާމަލާތުކޮށް އެމީހުން މައިތިރިކުރާނެ ކަމަށެވެ.
އޭގެ އިތުރުން އީރާންގެ އަސްކަރިއްޔާ އިން އިއްޔެ ބުނި ގޮތުގައި ސަރުކާރާ ދެކޮޅަށް އާންމުން ލައްވައި މުޒާހަރާތައް ކުރުވުމުގެ ފަހަތުގައި ތިބި، "އީރާން ދުޝްމަނުންނާ" ކުރިމަތިލާން ސިފައިން ނުކުންނާނެ އެވެ.
މީގެ ކުރިން އީރާންގައި އާންމުން ކުރި މުޒާހަރާތަކާ ޚިލާފަށް މިފަހަރުގެ މުޒާހަރާތަކުގައި އަންހެނުންނާއި ޒުވާނުން ބައިވެރިވާ ނިސްބަތް މަތި ކަމަށް ނޫސްތަކުން ބުނެ އެވެ. މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވާލަމުން އަންނަނީ، އަންހެނުންނާ މެދުގައި ސަރުކާރުން ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތުތައް ދޫކޮށްލައި، އާންމު ރައްޔިތުންނަށް އަނިޔާކުރުން ހުއްޓައިލުމަށެވެ.
ފުލުހުންނާއި ސިފައިން ނުކުމެ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅައިލުމަށް މަސައްކަތް ކުރި ނަމަވެސް، މުޒާހަރާކުރުން ހުއްޓާލައި، މަގުތައް ދޫކޮށް ދިއުމަށް އާންމުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އަދި މުޒާހަރާތަކަށް ނުކުންނަ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާ ގުޅިގެން، އީރާން ސަރުކާރުން މިހާރު ނިންމާފައިވަނީ، އިންޓަނެޓްގެ ޚިދުމަތް ވަކި ވަރަކަށް ކޮންޓްރޯލް ކުރުމަށެވެ.
އީރާންގެ ހުޅަނގުއުތުރުގައި ފެށުނު މުޒާހަރާތައް މުޅި ގައުމަށް ފެތުރިގެން ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ކަމަށްވާތީ، އީރާން ސަރުކާރުން މިހާރު ނިންމާފައިވަނީ، އިންޓަނެޓް މެދުވެރިކޮށް ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ބޭނުން ނުކުރެވޭ ގޮތް ހެދުމަށެވެ. ނުވަތަ ބޭނުންކުރެވޭ މިންވަރު ވަކި ވަރަކަށް ކޮންޓްރޯލްކުރުމަށެވެ.
މި މަހުގެ 13 ވަނަ ދުވަހު، އީރާންގެ އަޚްލާގީ ފުލުހުން، މަހްސާ (ޒީނީ) އަމީނީ، ހައްޔަރުކުރީ އޭނާގެ ބޭބެއާ އެކުގައި ކާރުގައި ހައިވޭއަކުން ދުއްވާފައި ދަނިކޮށެވެ. މަހްސާގެ ބޭބެ ކިއަރޭޝް އަމީނީ ބުނި ގޮތުގައި އޭނާ އާއި މަހްސާ ކާރުގައި ދަނިކޮށް، އަޚްލާގީ ފުލުހުން އެމީހުންގެ ކާރު ހުއްޓުވައި ކާރުގެ ތެރެއިން މަހްސާ ނެރުމަށް ފަހު، އޭނާ ހައްޔަރުކުރުމުގެ ކުރިން، މުގުރުބުރިތަކުން މަހްސާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރި އެވެ.
މަންޒަރު ދުށް އެހެން މީހުން ބުނި ގޮތުގައި ފުލުހުން މަހްސާގެ ބޮލުގައި މުގުރުން ޖަހައި ފުލުސް ކާރުގެ ކައިރިއަށް ވައްޓައިލި އެވެ. އެއަށް ފަހު، ފުލުހުންގެ އިދާރާ އަށް އެ ދެބެއިން ގެންދިއުމަށް ފަހު، މަހްސާ ގެންދާނީ ދީނީ ކައުންސެލިން ދޭ ކްލާހަކަށް ކަމަށާއި ގަޑިއެއްހާއިރު ފަހުން ދޫކޮށްލާނެ ކަމަށް ފުލުހުން ބުނި ކަމަށް މަހްސާގެ ބޭބެ ބުންޏެވެ. ނަމަވެސް ގަޑިއެއްހާއިރު ވެސް ނުވަނީސް، އެމްބިއުލާންސްގައި މަހްސާ ގެންދިޔައީ ކައިރީގައި ހުރި ހޮސްޕިޓަލަކަށެވެ.
އެ ދުވަހު އެ ހޮސްޕިޓަލުން އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލަށް މަހްސާ ގެނައި އިރުވެސް، އޭނާގެ ސިކުނޑި އޮތީ މަރުވެފައި ކަމަށެވެ. މަހްސާ މަރުވީ އެ ހޮސްޕިޓަލުގައި ކޯމާގައި އޮންނަތާ ދެ ދުވަސް ފަހުން، މި މަހުގެ 16 ވަނަ ދުވަހު އެވެ. އާންމު ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ، މަހްސާގެ ޖަނާޒާ އަށް ފަހު އެވެ.