08 ޖެނުއަރީ 2017 - 06:30

މަތިންދާބޯޓުން ދަތުރުކުރާ މީހުން، ވައިގެ މަގުން ދަތުރުކުރުމާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު އެނގެން ބޭނުންވެ އެވެ. ފަސިންޖަރުންނަށް ނޭނގޭ ބައެއް ސިއްރުތައް ފްލައިޓް އެޓެންޑެންޓުންގެ ގޮތުގައި މަސައްކަތްކުރާ މީހުންނަށް އެނގޭނެ އެވެ. މިއީ އިންޑިޕެންޑެންޓް ފްލައިޓް އެޓެންޑުންޓާ ކުރި ސުވާލުތަކަކަށް ދީފައިވާ ޖަވާބުތަކެވެ.
ފުރަތަމަ ކަމަކަށް ފްލައިޓް އެޓެންޑެންޓުން ބުނަނީ ދަތުރު މަތީގައި ޕައިލެޓުން ނިދާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން، ރޭމްޕްގައި މަސައްކަތްކުރާ މީހަކު ވެސް ވާހަކަ ދައްކާފައިވެ އެވެ.
"އަހަރެމެން، މަރުވެފައި ތިބޭ މީހުންގެ ގަބުރު މަތިންދާބޯޓުން ވަރަށް ގިނައިން ފޮނުވަން. ބައެއް މީހުން ސަންދޯކުގައި އަނެއްބައި މީހުން ސަންދޯކަށް ނުލައި. މި މަސައްކަތުގައި އަހަރެން އުޅޭތާ މިވީ ހަތް އަހަރުގެ ތެރޭގައި ދެ ފަހަރަކަށް ގަބުރު ބާއްވާފައި އޮތް ފޮށިން ދިޔަތައް ބޯޓުގައި ހުރި ލަގޭޖްތަކަށް ފައިބައިފައިވޭ،" އެމީހާ ބުނެފައިވެ އެވެ.
ވަރަށް އާދައިގެ އެކަމަކު ވަރަށް މުހިއްމު މައުލޫމާތެއް ވެސް މީހަކު ހިއްސާކޮށްފައިވެ އެވެ. އޭނާ ބުނި ގޮތުގައި އިމަޖެންސީ ހާލަތުގައި، ބޮލުގައި އަތް އަޅަންޖެހޭ ކަހަލަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެ އަތުގެ އިނގިލިތައް މަހާލައިގެން، ދެ އަތުގެ އިނގިލިތައް ވެސް މައްޗަށް ހުންނަ ގޮތަށް އަތް ނޭޅުމަށެވެ. އޭނާ ބުނީ އެންމެ ބުއްދިވެރީ އެއް އަތް މަތީ އަނެއް އަތް ބޭއްވުމަށެވެ. އޭރުން ބޯ މައްޗަށް އެއްޗެއް ވެއްޓުނަސް އަނިޔާ ވާނީ އެއް އަތަށް ކަމަށާއި އަނެއް އަތް ސަލާމަތުން އޮންނާނެ ކަމަށް އެމީހާ ބުންޏެވެ.
ސީޓުގައި ހަރުކޮށްފައި އިންނަ ޓްރޭ ޓޭބަލް މަތީގައި ކުޑަކުދިންގެ ޑައިޕާ ބަދަލުކުރުމަކީ ވެސް ފްލައިޓް ތެރޭގައި މީހުން ކުރާ ކަމެއް ކަމަށް އެޓެންޑެންޓުން ބުންޏެވެ.
އެކަކު ބުނި ގޮތުގައި އޭނާއަށް ގިނައިން މަސައްކަތް ކުރަން ޖެހެނީ ވަރަށް ދުވަސްވީ ޕައިލެޓުންނާ އެކުގައި ކަމަށެވެ. އުމުރުން ދުވަސްވީ ޕައިލެޓަކު ވަކި ހިސާބަކަށް ދަތުރު ކުރުމަށް ފަހު ބޯޓު ޖައްސަން ޖެހެނީ ކޮން ތަނެއްގައިކަން ހަނދާން ނެތުނު ކަމަށް އެޓެންޑެންޓު ބުންޏެވެ. މި މީހާގެ ޑިމެންޝިއާ ކިޔާ ހަނދާން ނެތޭ ބައްޔެއް ހުރެ ކޮމާޝަލް ފްލައިޓެއްގެ ޕައިލެޓްކަން ގިނަ ދުވަސްތަކެއް ވަންދެން ކޮށްފައިވާ ކަމަށް އެޓެންޑެންޓު ކިޔައިދިނެވެ.
ޓާބިއުލަންސްގެ ތެރޭގައި ނުވަތަ ވައިގެ ތެރޭގައި ބޯޓަށް ލޮޅުން އަރައި ތެޅިގަތަސް ބިރު ނުގަންނާށެވެ. މިފަދަ ހާލަތެއްގައި ބޯޓު ވެއްޓުމަކީ ވަރަށް ނުވާނެ ކަމެކެވެ. ޓާބިއުލަންސް ނުރައްކާވަނީ ބޯޓުގެ ކެބިންތަކުގައި ހުރި އެއްޗިއްސާއި އެނޫން ވެސް ތަކެތި ވިއްސައިގެން ގޮސް މީހެއްގެ ގައިގައި ޖެހިދާނެތީ އެވެ. މީގެ ތެރޭގައި ސީޓް ބެލްޓް ނާޅާ ތިބޭ މީހުން ވެސް ހިމެނެ އެވެ. މިފަދަ މީހުން ވެސް ބައެއް ފަހަރަށް ވިއްސައިގެން ދެ އެވެ. އެންމެ ގިނަ އެކްސިޑެންޓްތައް ހިނގަނީ ބޯޓު ނައްޓާލާ ގަޑީގަ އާއި ޖައްސާ ގަޑީގަ އެވެ. ވަކި ކަންތައްތަކެއް އެ ގަޑިތަކުގައި ކުރަން އަންގަނީ އެހެންވެ އެވެ.
އާއްމުކޮށް ބޯޓު ޑިލޭ ވަނީ ފަސިންޖަރުންނާ ހެދި އެވެ. ބައެއް ފަހަރަށް ފަސިންޖަރުންގެ އަމަލުތަކުގެ ސަބަބުން ބޯޓަށް ނުފުރި ގިނަވަގުތު ތަކެއް ހޭދަވެ އެވެ.
ބޯޓު މާ އުހަށް އެރީމާ އޭގައި ތިބޭ މީހުންގެ ލޭ ދިޔާވެ އެވެ. އެހެންކަމުން ބޯޓުގައި ތިބެ ބަނގުރާ ބޯ ނަމަ މާ އަވަހަށް މަސްތުވާނެ އެވެ. އަދި ބޯޓުގައި މަސްތުވުމަކީ ވެސް މަނާ ކަމެކެވެ.
ފްލައިޓް އެޓެންޑެންޓުން ބުނާ ގޮތުގައި ބޯޓަށް އަރާ ފަސިންޖަރުންގެ ތެރެއިން ގިނަ މީހުންނަކީ ކޮށްދޭ ކަންތައްތަކަށް ޝުކުރުވެރިވާން ނޭނގޭ ބައެކެވެ. އަދަބުވެރިކަމާއެކު ވާހަކަ ދައްކާ އިހްތިރާމްކުރަން ދަންނަނީ މަދު ބައެކެވެ.