25 ސެޕްޓެމްބަރ 2022 - 12:28

ހުޅުމާލޭ ދެވަނަ ފިޔަވަހިން މީގެ ހަ ދުވަސް ކުރިން ގެއްލުނު މުހައްމަދު އަޒުހާން އެންމެ ފަހުން ފެނުނީ ޓެކްސީއަކަށް އަރާތަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ސީސީޓީވީތަކުގެ ފުޓޭޖުތައް ދިރާސާކޮށްގެން ލިބުނު މައުލޫމާތުތަކުގެ އަލީގައި ފުލުހުން ބުނީ އުމުރުން 21 އަހަރުގެ އެ ޒުވާނާ އެންމެ ފަހުން ފެނުނީ މި މަހު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓުގެ ޓަވަރު 13 ކައިރިން ކަމަށެވެ. އެ ދުވަހުގެ ފަތިހު 4:53 ހާއިރު ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނިގޮތުގައި، އިތުރު ފުޓޭޖުތައް ބަލައި އެ ކާރު ދެނެގަތުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަޒުހާނާއި ފޮޓޯ އިން ފެންނަ ހުދުކުލައިގެ ޓެކްސީ ފެނިފައިވާ ނަމަ އަދި މި މަހުގެ 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާ ކަމަށް ބެލެވޭ މީހަކު އުޅޭ ނަމަ އެކަން އަންގައިދޭން ޑްރައިވަރުންގެ ކިބައިން ފުލުހުން އެދެ އެވެ.
އަޒްހާން ގެއްލުނުއިރު ލައިގެން ހުރީ ޕީޗް ކުލައިގެ މާޖެހި އަތް ކުރު ގަމީހެކެވެ.
އަޒުހާނާ ގުޅޭ މައުލޫމާތެއް އެނގޭ ނަމަ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.