ފައިނޭންޝަލް ކޮންޓޯލަރު ކަމުން ރަޒީނާ އިސްތިއުފާ ދެއްވައިފި
ފައިނޭންޝަލް ކޮންޓޯލަރު ކަމުން ރަޒީނާ އިސްތިއުފާ ދެއްވައިފި

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހަ އަހަރު ހޭދަކުރައްވައި ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުގެ ހިދުމަތުގައި 20 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ ޖުލައި، 5، 2016 ގަ އެވެ.

އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ މިދިޔަ ހަފުތާގައި މަގާމުން ވަކިވެވަޑައިގަތީ ރާއްޖެއިން ބޭރުގައި ޕީއެޗްޑީ އަށް ކިޔަވަން ކަމަށެވެ. ޕީއެޗްޑީ ހައްދަވަނީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިންނެވެ.

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ޕްރޮފެޝަނަލްކަމާ އެކު މަސައްކަތް ކުރެއްވުނު ކަމަށް ރަޒީނާ ގަބޫލުކުރައްވަ އެވެ.

"ދެ ސަރުކާރުގައި ވަރަށް ޕްރޮފެޝަނަލީ ހިދުމަތްތަކެއް އެ [ފައިނޭންޝަލް ކޮންޓްރޯލާގެ] މަގާމުގައި އަދި ފިނޭންސާއި ރާއްޖޭގެ އެކައުންޓިންގެ ދާއިރާގައި ވެސް މަސައްކަތްކޮށްދެއްވިއްޖެ ކަމަށް ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ޕީއެޗްޑީ އަށް ފަހު އޭނާ އަލުން ފައިނޭންސް ދާއިރާއާ ގުޅިވަޑައިގަންނަވާނެ އެވެ.

ދައުލަތުގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް، އޮޑިޓަޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓައި ހިންގުމެވެ. އަދި ދައުލަތުގެ މުދާ ގަނެވެނީ ނުވަތަ ރައްކާތެރިކަމާ އެކު ބެލެހެއްޓެނީ ނުވަތަ ބޭނުންކުރެވެނީ ނުވަތަ ވިއްކައި ނައްތާލަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމެވެ.

ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން ހިންގޭ ދައުލަތުގެ ހުރިހާ އޮފީސްތަކެއްގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމާއި ކޮންމެ މާލީ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި އެ އަހަރެއްގެ ދައުލަތުގެ އަހަރީ ހިސާބުތައް އޮޑިޓަ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކޮށް އެ ހިސާބުތައް މިނިސްޓަރަށް ހުށަހެޅުމަކީ ވެސް ޒިންމާއެކެވެ.

ދައުލަތަށް ލިބޭ އާމްދަނީ ފައިސާގެ ހިސާބުތައް ގަވާއިދުން ބެލެހެއްޓުމާއި، ދައުލަތަށް ލިބެންވާ ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްކުރުމަކީ ވެސް ފައިނޭންޝަލް ކޮންޓްރޯލަރު އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތެކެވެ.