25 ސެޕްޓެމްބަރ 2022 - 10:41

މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ގައުމީ ފުޓްބޯޅަ ޓީމަށް ޖަހައި ދިން ފުރަތަމަ ލަނޑު އޭނާގެ ދަރިފުޅަށް ހާއްސަ ކޮށްފި އެވެ.

އިއްޔެ ލާއޯސް އަތުން 3-1 އިން ރާއްޖެ މޮޅުވި މެޗުގައި ރާއްޖޭގެ ދެވަނަ ލަނޑު ނިހާން ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ތަނަވަސް ކޮށް ދިން ފުރުސަތަކުންނެވެ. އިބްރާހިމް ވަހީދު ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އޭނާ އަށް ބޯޅަ ފޮނުވާލަން އެކަށީގެންވާ ޖާގަ ނުލިބުމުން އޭނާ އޭރިއާ ބޭރަށް ބޯޅަ ދިނީ ނިހާން އަށް ދިނުމަށެވެ. ނިހާން ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
ގޯލް ސެލެބްރޭޝަންގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާ ކުރުމަށް ފަހު ނިހާން ލިޔެފައި ވަނީ މި ގޯލް ހާއްސަ ކުރާނީ އޭނާގެ ދަރިފުޅަށް ކަމަށެވެ.
"ގައުމީ ޓީމަށް ގޯލެއް ޖަހައި ދޭން އުއްމީދު ކުރާތާ ވަރަށް ދުވަސް ވެއްޖެ. އެނގޭ ކޮންމެ ވެސް ހިސާބެއްގައި ގޯލެއް އަންނާނެކަން،" ސެންޓްރަލް މިޑްފީލްޑަރަކަށް ކުޅޭ ނިހާން ބުންޏެވެ.
"އިއްޔެ އިއްބެ އެ ޕާސް ދިނީމަ ވެސް އަޅުގަނޑަށް އެނގުނު އެ ބޯޅަ ކޮންވާޓް ކޮށްލެވޭނެކަން. އެ ސްޕޭސް ވެސް އޮތް. އެހެންވެ އޭންގަލުން ބޯޅަ ފޮނުވާލީ."
ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ލ. މާބައިދު އަށް އުފަން ނިހާން ބުނީ، ގައުމީ ޓީމު މިހާރު އޮތީ ރަނގަޅު ރޫހެއްގައި ކަމަށެވެ.
"ޓީމަށް ވެސް އާ ކުޅުންތެރިން އިތުރު ވަމުން މި ދަނީ. ޓީމަށް އަލަށް ނެގި ކުޅުންތެރިން ވެސް ތިބީ ވަރަށް ރަނގަޅު ފޯމެއްގައި. ކުޅުންތެރިން ވަރަށް ކިކުގައި. އަދި ކޯޗާ އެކު މަސައްކަތް ކުރަން ކުޅުންތެރިންނަށް ވެސް ފަސޭހަ. އެވެދާނެ ސަބަބަކަށް ޓީމު މިހާ ފޯމުގައި އޮތުން،" ނިހާން ބުންޏެވެ.
މާޒިޔާގެ މިޑްފީލްޑަރު ބުނީ އިންޑަވިޖުއަލީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާގެ ކުޅުން އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށެވެ.