25 ސެޕްޓެމްބަރ 2022 - 00:36

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ، ރިޔާސީ ރޭހުގައި ވާދަކުރައްވަން އޭނާ ނިންމެވީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭނާ އަށް އެ ފުރުސަތު ލިބިވަޑައިގެންފި ނަމަ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ދައްކާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ހަމަގައިމު ވެސް މި ޕާޓީގެ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ތިން ޖީލެއް މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަލާކުވެއްޖެ ކަމަށެވެ. އަދި ޒުވާނުންގެ ބޮޑު އާބާދީ އާއި މެދުމަދުރަސީ އުމުރުގެ ކުދިންނަކީ ވެސް މިއަދު އެ ވަބާގައި ޖެހެމުންދާ ބައެއް ކަމަށް ވިދާޅުވި އެވެ. އެ ކަންކަމަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެ ކަމުން ދުރުކޮށް، އިޖުތިމާއީ އެހެނިހެން ކަންކަމުން ވެސް ގައުމު ސަލާމަތްކޮށްދިނުމުގެ އަޒުމުގައި މަސައްކަތް ކުރާނެ ބަޔަކު ގައުމުގެ ލަގަނުގައި މިއަދު ހިފަން ޖެހޭ ކަމަށެވެ.
"މިހެންވެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަޅުގަނޑުމެން އަޒުމު ކަނޑައަޅައިފިން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އިސް ރަށްވެހިންނަކީ ހަމައެކަނި އިނާޔަތެއް ދީފައި ތިބޭ ބައެެއްގެ އިތުރުން އުފާވެރި ދިރިއުޅުމެއް އުޅެވޭ ބަޔަކަށް ހަދާނެ އެވެ. އެ މީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް، އުފާވެރިކަމާއެކު އުޅެވޭނެ މަގު ތަނަވަސް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ އެންމެ ބޮޑު މައްސަލަ ކަމަށާއި ނަމަވެސް އެއީ ހަރުދަނާ ސިޔާސަތުތަކަކާއެކު ހައްލު ނުކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އޭނާ އެހެން އެ ވިދާޅުވަނީ ތަޖުރިބާގެ އަލީގައި ކަމަށާއި ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓްގެ ދާއިރާގައި އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން އޭނާ ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދޭނެ ކަމުގެ ޔަގީންކަން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު މިހެން މި ދެންނެވީ އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި. ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ދާއިރާ އާއި ރިއަލް އެސްޓޭޓް މަސައްކަތުގައި އުޅޭ މީހެއްގެ ގޮތުގައި އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދޭން އޮތް ޔަގީންކަމަކީ މިހާތަނަށް އަޅުގަނޑުމެން މަސައްކަތް ކުރި ކޮންމެ ކަމެއް އޮންނާނީ ކާމިޔާބު ކޮށްފައި. އެހެންވީމާ ބޯހިޔާވަހިކަން ވެސް ދިވެހިރައްޔިތުންނަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކާމިޔާބު ކޮށްދޭނަން،" ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ ކާމިޔާބު އެއް ކުންފުނި އާރުސީސީގެ ޗެއާމަން ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އައިޖީއެމްއެޗްގައި އަބަދުވެސް 6000 އަށް ވުރެ ގިނަ މީހުން ކިޔޫގައި ތިބޭ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ބަލިމީހުން ކަމަށް ވިދާޅުވި އެވެ. އަދި ފިޒިއޮތެރަޕީ ހަދަން ވެސް ތިން މަސް ދުވަހު ކިޔޫގައި ތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ހައްގު ވަރަކީ އެއީއެއް ނޫނެވެ. މައްސަލައަކީ ރާއްޖެ އަށް ވަންނަ ފައިސާގެ ބޭނުން ހިފަން ސަރުކާރަށް ނޭނގުމެވެ.
ނާޒިމް ވިދާޅުވީ، އޭނާ އަށް ވެރިކަން ދީފި ނަމަ ބޮޑެތި ބަދަލުތަކާއެކު ރައްޔިތުން ސިއްހީ ތަކުލީފުތަކުން ސަލާމަތް ކުރާނެ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ބޮޑެތި ބަލިތަކަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
ކޮންމެ ސަރުކާރަކުން ވެސް އަންހެނުން ބާރުވެރި ކުރުވާ ވާހަކަ ދެއްކި ނަމަވެސް އެ ކަން ނުކުރެވޭކަން ފާހަގަކުރައްވަމުން ނާޒިމް ފާޑުވިދާޅުވި އެވެ. އެކަމަކު އެމްއެންޕީން ނަތީޖާ ދައްކައި މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސެއްގެ މަގާމު އަންހެނަކަށް ހާއްސަ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ދިވެހި އަންހެނުންނަށް ހައްގުވާ ވަރަކީ ކުނި ކެހުން ނޫން ކަމަށާއި އެ އަށް ވުރެ ބާރުވެރި މަގާމުތަކުގައި އަންހެނުން ތިބެން ޖެހޭ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އަންހެނުންނަކީ ކުންފުނިތަކުގެ ބާރުވެރި މަގާމުތަކުގައި ތިބޭނެ ބަޔަކަށް ހަދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ވޭތުވެދިޔަ 16 ވަރަކަށް އަހަރު މަޖިލީހުގައި ވެސް ވަރަށް މަދު އަންހެނުން. ވިސްނުމަކީ އެ ކަހަލަ ޒިންމާދާރު ބޮޑެތި މަގާމުތަކަށް އަންހެނުން އެމްއެންޕީން ނެރެ، އެ މަގާމުތަކަށް ހޮވުން،" ނާޒިމް ވިދާޅުވި އެވެ.
އަންހެނުންނަަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި ޑޭ ކެއާ ސެންޓަރުތައް ސަބްސިޑައިޒްކޮށް، ހިދުމަތް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޕީގެ އަސާސީ ގަވާއިދުގައި ވާ ގޮތުން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅަން ޖެހެނީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އަދި އިއުލާން ކުރެއްވީ ނާޒިމް އެކަންޏެވެ.