24 ސެޕްޓެމްބަރ 2022 - 22:30

ހުޅުމާލޭ ނެރުމަތީގައި މިރޭ ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓުވި ކަމާއި މީހަކު ގެއްލިގެން އުޅޭކަން އެނގުނީ ސިފައިންގެ އުޅަނދަކަށް އެ ވަގުތު އެ ހިސާބަށް ދެވުމުން ކަމަށާއި އެކްސިޑެންޓުގައި މޫދަށް ވެއްޓުނު މީހާ ނަގައިދިނީ ސިފައިންގެ ޑައިވަރުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެކްސިޑެންޓް ހިނގާފައިވަނިކޮށް ފެނުނީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަ ކްރާފްޓްގެ އުޅަނދަކަށް މިރޭ 6:50 ހާއިރު ހުޅުމާލެ ނެރުން ވަންނަން އައުމުގެ ތެރޭގައި ކަމަށެވެ.
ލޯންޗަކާއި ޑިންގީއެއް ހުޅުމާލެ ނެރުމަތީ މަޑުކޮށްގެން އޮތްތަން ފެނި ސުވާލުކުރުމުން، ޑިންގީ އާއި ލޯންޗު ޖެހި، ޑިންގީގައި ހުރި މީހަކު މޫދަށް ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ގޮސްފައިވާކަމަށާއި އަދި އެ މީހާ ނުނެގިގެން އުޅޭކަން ސިފައިން ގާތު ބުނުމުން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ފެށީ އެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑު ހާބަކްރާފްޓްގެ ޑައިވަރެއް ވަގުތުން ފުންމާލަައި، މޫދަށް ވެއްޓުނު މީހާ ސަލާމަތްކުރީ ކަމަށެވެ. ހާބަ ކްރާފްޓުގައި ތިބި ސިފައިންގެ އެހީގައި އެ އުޅަނދަށް އެ މީހާ ނަގައި އެމްއެންޑީއެފް ކަލާސީނުކޮށްޓަށް ގެންދިއުމަށް ފަހު އެމްއެންޑީއެފްގެ ވެހިކަލެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައީ 7:00 ހާއިރު ކަމަށް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓް ލިބިފައިވަނީ 7:35 ހާއިރު އެވެ. މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އެ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ދެ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އަނެއް ދެ މީހުން ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ޒަހަމްވި މީހުންނާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.
ޒަހަމްވީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.