25 ސެޕްޓެމްބަރ 2022 - 06:42

ބޮލީވުޑްގެ ހުނަރުވެރި ތަރި، އިރްފާން ޚާންގެ ދަރިފުޅު ބަބިލްގެ ފުރަތަމަ ފިލްމު، "ގާލާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
ކެންސަރު ބަލީގައި 2020 ވަނަ އަހަރު އިރްފާން މަރުވެފައިވާއިރު އޭނާގެ ދަރިފުޅުގެ ފުރަތަމަ ފިލްމުގެ ޓީޒާއާ އެކު ގިނަ ބަޔަކު އަންނަނީ ބަބިލްއާ އެކު އޭނާގެ ބައްޕަގެ ހަނދާންތައް އާވާ ކަމަށް ބުނަމުންނެވެ. އަދި ޓީޒާގައި ބަބިލް، އިރްފާނާ ވަރަށް ވައްތަރު ކަމަށް ބުނެ އެ ފިލްމު ބެލުމަށް ކެތްމަދުވެފައި ތިބިކަމަށް ދަނީ ބުނަމުންނެެވެ.
އަންވިތާ ދަތު ގުޕްތަން ޑައިރެކްޓްކުރާ "ގާލާ" އަކީ 1930-1940 ގެ އަހަރުތަކުގައި ޕްލޭބެކް ސިންގާއެއްގެ ގޮތުގައި އުޅޭ ޒުވާނަކަށް ކުރިން ދިމާވެފައިވާ ހިތްދަތި ކަންތައްތަކަކާ އެކު އޭނާ ކާމިޔާބަށް ވާސިލުވާން ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
ފިލްމުގައި ލައިލާ މަޖްނޫ ކަހަލަ ފިލްމުތަކުގައި ފެނިފައިވާ ޓްރިޕްތީ ދިމްރީ އާއި ސްވަސްތިކާ މުކަރުޖީ އަދި އަމިތް ސިއާލް ވެސް ފެންނާނެ އެވެ.
ނެޓްފްލިކްސްގައި ސްޓްރީމް ކުރާ ގޮތަށް ހަމަޖެހިފައިވާ އެ ފިލްމު ވަރަށް އަވަހަށް ސްޓްރީމްކުރާނެ ކަމަށް ބުންޏަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ ފިލްމު ނެޓްފްލިކްސްގައި ލޯންޗުކުރަން ވަރަށް ކެތްމަދުވެފައިވާ ކަމަށާއި މިއީ މިއުޒިކީ ފިލްމެއް ކަމަށެވެ. އެގޮތުން ހިތްދަތިކަމާ ކުރިމަތިލާ މަންޒަރު ފެންނާނީ ލަވައިގެ ދުނިޔޭގެ ތެރެއިން ކަމަށް ބުންޏެވެ.