25 ސެޕްޓެމްބަރ 2022 - 06:42

ކަމުގެ ހަގީގަތް ނޭނގޭ ނަމަ އަނގަ މަޑުލައިގެން ތިބުމަށް، ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ބުނެފި އެވެ.
ބަރަހަނާ ފިލްމު ހަދައި އެއިން ވިޔަފާރިކުރި ކަމުގެ މައްސަލައެއްގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާޖް ހައްޔަރު ކުރި އެވެ. ކަފާލާތުގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އޭނާ މިނިވަން ވިޔަސް އޭގެ ފަހުން އުޅެނީ އާންމުންގެ ތެރެއަށް ނުނިކމެ އެވެ. ކުރިމަތިވާ ސުވާލުތަކާ ހުރެ ގިނަ ފަހަރަށް ބޭރަށް ނުކުންނަނީ ވެސް މޫނު އެއްކޮށް ނިވާވާ ކަހަލަ މާސްކެއް އަޅައިގެންނެވެ.
އޭގެ އަހަރު ދުވަސް ފަހުން ފުރަތަމަ ފަހަރަށް އެކަމުގައި ރާޖް ވަނީ ވާހަކަ ދައްކައިފަ އެވެ. އޭނާ ކަފާލާތުގެ ދަށުން މިނިވަންވިތާ އަހަރެއްވި ދުވަހާ ގުޅިގެން ކުރި ޓްވީޓުގައި ބުނީ ކަމުގެ ހަގީގަތް ވަރަށް އަވަހަށް އެނގޭނެ ކަމަށާއި އިންސާފު ވެސް ލިބޭނެ ކަމަށެވެ.
އޭނާއަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ޖޯކު ޖެހި މީހުންނަށް ޝުކުރު އަދާކޮށްފައި ވަނީ އެ މީހުންގެ ސަބަބުން އޭނާއަށް އިތުރަށް އެކަމަށް ކުރިމަތިލުމުގެ ހިތްވަރު ލިބުނު ކަމަށް ބުނެ އެވެ.
އެ ޕޯސްޓާ އެކު، މާސް އަޅައިގެން އޭނާ ނަގާފައިވާ ސެލްފީއެއް އާންމުކޮށް ފޮޓޯގައި ވަނީ މުޅި ވާހަކަ އެއްކޮށް ނޭނގޭ ނަމަ އެ ވާހަކައެއް ނުދައްކަން ބުނެފަ އެވެ.
ބަރަހަނާ މަންޒަރުތައް ދައުރުކުރާ އެޕްތަކެއް ހެދި ކަމަށް ތުހުމަތުކޮށް އިންޑިއާގެ އެންފޯސްމެންޓް ޑިރެކްޓޮރޭޓް (އީޑީ) އިން އަންނަނީ ރާޖާއި އިތުރު ބައެއްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް މައްސަލަ ބަލަމުންނެވެ. އެކަމަކު ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ރާޖާ ދެކޮޅަށް ހެއްކެއް ނެތެވެ.
ރާޖް ވަނީ އޭނާ އަށް ކުރާ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ.