ފަހު މެޗުގައި ރާއްޖެއިން ލާއޯސް ވެސް ބަލި ކޮށްފި
ފަހު މެޗުގައި ރާއްޖެއިން ލާއޯސް ވެސް ބަލި ކޮށްފި

ބުރުނާއީ ދާރުއްސަލާމްގައި ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް މެޗު ތަކުގެ ސީރީޒްގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި މިއަދު ލާއޯސްގެ މައްޗަށް 3-1 ން ކާމިޔާބު ހޯދައިފި އެވެ.

ފަހު މެޗުގައި ރާއްޖެއިން ލާއޯސް ވެސް ބަލި ކޮށްފި
ފަހު މެޗުގައި ރާއްޖެއިން ލާއޯސް ވެސް ބަލި ކޮށްފި

ތިން ގައުމު ވާދަކުރާ މި ސީރީޒްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބުރުނާއީގެ މައްޗަށް މިދިޔަ ބުދަ ދުވަހު ކާމިޔާބު ހޯދީ 3-0 ންނެވެ. ބުރުނާއީގެ ވެރިރަށް ބަންދަރު ސެރީ ބެގަވާން ކުޅުނު މެޗުގައި ރާއްޖެއިން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ލީޑް ނަގައިފަ އެވެ.

މެޗުގެ 11 ވަނަ މިނެޓްގައި ރާއްޖެ އަށް ލީޑް ނަގައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހައިޝަމް ހަސަން (ބިޑި) ލާއޯސްގެ އޭރިއާގެ ތެރެއަށް ނެގި ބޯޅަ ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށެވެ. އޭނާގެ ފައިގައި ބޯޅަ ލައްވާ ނުލިނަމަވެސް ބުރުނާއީގެ ޑިފެންޑަރުގެ ފައިގައި ޖެހި ރީބައުންސް ވި ބޯޅަ ރާއިފް ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ލާއޯސް އިން ވަނީ 40 ވަނަ މިނެޓްގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ރާއްޖޭގެ އޭރިއާގެ ބޭރުން ދިވެހި ކުޅުންތެރިންގެ ބޯ މަތިން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އަށް ލާއޯސްގެ ބައުންޕަޗަން ބައުންކޮން އެރީ މުޅިން ހުސްކޮށެވެ. އޭނާ ވަނީ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް އަށް ފުރުސަތު ނުދީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލަފަ އެވެ.

ރާއްޖެ އަށް އަލުން ލީޑް ނަގައިދިން ލަނޑު ޖެހީ ހުސައިން ނިހާން (ނިހާޓް) އެވެ. އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ހައިޝަމް ބޯޅަ ދިނީ ގޯލްގެ އޭރިއާގެ ރޮނގު މަތީގައި ހުރި އިބްރާހިމް ވަހީދު އަށެވެ. އޭނާ އަށް ބޯޅަ ފޮނުވާލަން ޖާގަ ނުލިބުމުން ބޯޅަ ފަހަތަށް ޖައްސާލީ ނިހާން އަށް ދިނުމަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ ދިފާއު ކުރަން ލާއޯސްގެ ކީޕަރު ކިއޯ އައުޑޯން ޑައިވް ކުރި ނަމަވެސް ބޯޅަ ދިޔައީ އޭނާގެ އަތް ދަށުންނެވެ.

ތިންވަނަ ލަނޑު އިބްރާހިމް ވަހީދު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕް) ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ. ހަމްޒާ އަށް ހާފްގެ ތެރެއިން ލިބުނު ބޯޅަ ހިފައިގެން އޭނާ ވެސް މަސައްކަތް ކުރީ އޭރިއާ ތެރެއަށް ވަނުމަށެވެ. ނަމަވެސް ލާއޯސްގެ ޑިފެންޑަރުން އޭނާ އަށް ހުރަސް އަޅަން މަސައްކަތް ކުރުމުން ބޯޅަ ދިނީ އޭރިއާ ތެރެއަށް އެރި އިބްރާހިމް ވަހީދަށެވެ. އޭނާ ވަނީ ޑިފެންޑަރުންގެ ކިބައި ވެސް ނެްޓި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.