ދަގަނޑޭ މަޑުނުކުރާނެ ކަމުގެ އިޝާރާތެއް މާޒިޔާ އިން ދީފި
ދަގަނޑޭ މަޑުނުކުރާނެ ކަމުގެ އިޝާރާތެއް މާޒިޔާ އިން ދީފި

އާ ސީޒަނަށް މާޒިޔާގައި އޮތީ ރާއްޖޭގެ އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި އަލީ އަޝްފާގު (ދަގަނޑޭ) ނެތުމަކީ އެ ޓީމަށް ލިބޭ އުނިކަމެއް ނޫން ކަމަށް ބުނެ އޭނާ އަންނަ ސީޒަނުގައި ކްލަބުގައި މަޑުނުކުރާނެ ކަމަށް ދޭހަވާ ގޮތަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު ވާހަކަދައްކަވައިފި އެވެ.

ދަގަނޑޭ މަޑުނުކުރާނެ ކަމުގެ އިޝާރާތެއް މާޒިޔާ އިން ދީފި
ދަގަނޑޭ މަޑުނުކުރާނެ ކަމުގެ އިޝާރާތެއް މާޒިޔާ އިން ދީފި

ދަގަނޑޭ ބަހައްޓަން މާޒިޔާ އިން މަސައްކަތްކުރި އިރު ނިއު ރޭޑިއަންޓުން އަންނަނީ އޭނާ ގެންދަން މަސައްކަތްކުރަމުންނެވެ. އަދި މި މަހުގެ 16 ނުވަތަ 17 ވަނަ ދުވަހު ދަގަނޑޭ ނިއު އަށް ސޮއިކުރާނެ ކަމުގެ އިޝާރާތެއް އެ ކްލަބުން ވަނީ ރޭ ދީފަ އެވެ.

މިިދިޔަ ސީޒަންގެ ޖޫން މަހުގެ ޓްރާންސްފާގައި ދަގަނޑޭ މާޒިޔާއާ ގުޅުނީ ރާއްޖޭގެ ރެކޯޑް އަަގަކަށެވެ. މާޒިޔާ އިން އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރި ނަމަވެސް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އުފުލައެއް ނުލެވުނެވެ.

"މިއީ އަޝްފާގަށް ބުނާ ބަހެއް ނޫން. ހަގީީގަތުގައި އަޝްފާގަށް ކުރި އިންވެސްޓްމަންޓަކީ ތިން މުބާރާތަށް ޓާގެޓް ކޮށްގެން ކުރި އިންވެސްޓްމަންޓެއް. ލީގު އެކަނި ލިބުނީ ދެން އޮތް ދެ މުބާރާތުގެ ފައިނަލަށް ވެސް ނުދެވުނު. އެގޮތަށް ބަލާއިރު އެއީ އެންމެ ރަނގަޅު އިންވެސްޓްމަންޓް ކަމަށް އަޅުގަނޑު ނުދެކެން. މި ބުނަނީ އަޝްފާގު ގޯސް ވާހަކައެއް ނޫން އެއްގޮތަކަށް ވެސް،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައްހާބު ވިދާޅުވި އެވެ.

"މާޒިޔާގައި މިއޮތީ ވަރުގަދަ ސްކޮޑެއް މެނޭޖްމަންޓުގެ ޓާގެޓަކީ ސީޒަންގެ ހުރިހާ ތަށްޓެއް ހޯދުން. އަޝްފާގު ނެތްތަން މި ޓީމަކުން ނުދައްކާނެ."

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ގޯލްކީޕަރު އިމްރާން މުހައްމަދާއި އަހުމަދު ނާޝިދު (ނައްޓޭ) އަދި އިސްމާއިލް އީސަ އަންނަ ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. އިމްރާން ނިއު އަށް ސޮއިކުރިއިރު، ނައްޓޭ ބަދަލުވީ އީގަލްސް އަށެވެ. ބެލެވޭ ގޮތުގައި އީސަ ގުޅޭނީ ވިކްޓަރީއާ އެވެ. މާޒިޔާ އިން ވަނީ ނައްޓޭގެ ބަދަލުގައި ނިއު އާއި ޔުނައިޓެޑް ވިކްޓަރީ އަށް ކުރިން ކުޅުނު އަލީ ހައިޝަމް ގެނެސްފަ އެވެ.

"މާޒިޔާ އިން ދިޔަ ކުޅުންތެރިން ބައިތިއްބަން މި ކްލަބުން ބޭނުންނަމަ އެ ކުޅުންތެރިން ތިބޭނީ މި ޓީމުގައި. އެކަމަކު އެބަޖެހޭ ޓީމަށް ބަދަލުތަކެއް ގެންނަން. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ބަހައްޓައިގެން ބޭނުންވާ ޓާގެޓަށް ނުދެވުނީމަ ޓީމަށް ބަދަލުތައް އަންނާނެ،" ވައްހާބު ވިދާޅުވި އެވެ.

މާޒިޔާ އިން ވަނީ އިމްރާން ނެތްތަން ފޫބައްދަން 2015 ވަނަ އަހަރު އެ ޓީމަށް ކުޅުނު ކިރްގިސްތާން ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއަޝް އެ ޓީމަށް ގެނެސްފަ އެވެ.

ވައްހާބު ވިދާޅުވީ އެ ޓީމުން އަންނަނީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

"މާޒިޔާ އިން ހަތަރު ބިދޭސީ ކުޅުންތެރިން ފެންނާނެ. މިހާރު ކިރްގިސްތާންގެ އެއް ވަނަ ކީޕަރު ޓީމަށް ސޮއިކޮށްފި. ދެން އިތުރު ކުޅުންތެރިން ވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ. މި ކުޅުންތެރިންނަކީ އޭއެފްސީ ކަޕްގައި ފެންވަރު ސާބިތުކޮށްފައިތިބި ހުނަރުވެރި މޮޅު ކުޅުންތެރިން،" ވައްހާބު ވިދާޅުވި އެވެ.

އާ ސީޒަނަށް މާޒިޔާގެ ފަރިތަކުރުންތައް މިއަދު ހަވީރު ފަށާނެ އެވެ.