13 މެއި 2017 - 12:04

ލަންޑަން (މެއި 13) - މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ކުރިމަތިވި އެންމެ އުނދަގޫ ސީޒަން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ޗެލްސީގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމުން އޭނާ ހުރީ ކްލަބަކާ ހަވާލުނުވެ އެވެ. ޔުނައިޓެޑުން މިދިޔަ ސީޒަނަށް ފަހު ލުއީ ވެން ހާލް އެ ޓީމުގެ ކޯޗުކަމުން ދުރުކުރުމަށް ފަހު މޮރީނިއޯއާ ޓީމު ހަވާލުކުރި އެވެ.
މީގެ ކުރިން ޕޯޓޯ، ޗެލްސީ، އިންޓަ މިލާން އަދި ރެއާލް މެޑްރިޑާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޮރީނިއޯ ބުނީ ޔުނައިޓެޑްގެ ކޯޗުކަމަކީ އޭނާ ހަވާލުވި އެންމެ އުނދަގޫ ވަޒީފާ ކަމަށެވެ.
"މިއީ އަހަރެން އެންމެ ބުރަކޮށް މަސައްކަތްކުރި ސީޒަން. އެއީ ޓީމުގައި ތިބި ކުޅުންތެރިންގެ ގޮތުންނާއި މި ކްލަބްގެ ހައިބަތު ބޮޑުވުމުން،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑްގެ ކޯޗުގެ ޒިންމާ އަދާކުރަން އޭނާ އަށް އުނދަގޫވެފައިވަނީ މި ވަގުތު އެ ކްލަބް އޮތް ހާލަތުން ކަމަށެވެ.
"ބައެއް ފަހަރު ބޮޑެތި ކްލަބްތަކާ ހަވާލުވަން މި ޖެހެނީ އުނދަގޫ ހާލަތްތަކުގައި. ހަވާލުވުމަށް ފަހު ކުރިން އެ ކްލަބެއް އޮތް މަގާމަށް ނުގެންދެވިއްޖެނަމަ މީހުންގެ ފާޑުކިޔުން އަމާޒުވެ މަސައްކަތް އިތުރަށް އުނދަގޫވޭ. ޔުނައިޓެޑްގައި ވެސް މިވަނީ މިހެން،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑުން ވަނީ މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މޮރީނިއޯ ބުނީ އެ ޓީމަށް ޔޫރޮޕާ ލީގު ކާމިޔާބު ނުކުރެވުނަސް ދެކޭނީ މިއީ ކާމިޔާބު ސީޒަނެއްގެ ގޮތުގައި ކަމަށެވެ.
"އަހަރެމެން އެއް މުބާރާތުގެ ތަށި އުފުލާލައިފިން. ބަލިނުވެ 25 މެޗުގެ ރެކޯޑެއް ހަދައިފިން. ޓީމު މި ވަގުތު މިއޮތީ ޔޫރަޕް ފައިނަލެއްގައި. އެ މުބާރާތް ކާމިޔާބު ނުކުރެވުނަސް އަހަރެމެން ދެކޭނީ މިއީ ކާމިޔާބު ސީޒަނެއްގެ ގޮތުގައި،" އޭނާ ބުންޏެވެ.
ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާރޭ ނުކުންނާނީ ރަށުންބޭރުގައި ޓޮޓެންހަމާ ދެކޮޅަށެވެ.