ރަންބީރު، "ބްރަހްމަސްތުރާ" ކުޅުނީ ހިލޭ
ރަންބީރު، "ބްރަހްމަސްތުރާ" ކުޅުނީ ހިލޭ

ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބަރްހަމަސްތުރާ" ކުޅުމަށް ބޮލީވުޑްގެ ތަރި، ރަންބީރު ކަޕޫރު އެއްވެސް ފީއެއް ނުނަގާ ކަމަށް އަޔާން ބުނެފި އެވެ.

މީގެ ފަސް އަހަރު ކުރިން ފެށި އެ ފިލްމުގެ މަސައްކަތް ނިމި، މި މަހު ފިލްމު ރިލީޒް ކުރިއިރު އެއީ މި އަހަރު ބޮކްސްއޮފީހުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ފިލްމެވެ. އާލިއާ ބަޓާއި ރަންބީރު ކަޕޫރު ލީޑު ކުޅުނު އެ ފިލްމު ހިޓްވެ ފިލްމުގެ ޕްރޮޑަކްޝަން ޓީމު އޮތީ އުފަލުން ފޮޅިފަ އެވެ.

ބޮޑު ބަޖެޓެއް ހުސްކުރި، އެ ފިލްމަށް އެހާ ބޮޑު އާމްދަނީއެެއް ލިބުނުއިރު ލީޑު ދެ ތަރިން ބޮޑު ފީއެެއް ނަގާފައިވާ ކަމުގެ އަޑުތައް ވެސް އެރި އެވެ.

އެކަމާ ގުޅިގެން ޓްރޭޑް އެނަލިސްޓް ކޮމަލް ނަހްތާ ކުރި ސުވާލެއްގައި އަޔާން ބުނީ، އެ ފިލްމު އުފެއްދީ އެތައް ބައެއްގެ ބޮޑު ގުރުބާނީއަކާ އެކު ކަމަށެވެ. "ބަރްހަމަސްތުރާ" ގެ މަސައްކަތް ދިގުލައިގެން ދިޔަ ނަމަވެސް އޭނާގެ ގާތް އެކުވެރިޔާ ރަންބީރު އެއްވެސް ފީއެއް ނުނަގާ ކަމަށާއި އޭނާ އެ ފިލްމު ކުޅުނީ ހިލޭ ކަމަށް އަޔާން ބުންޏެެވެ.

އަޔާން ގަބޫކުރާ ގޮތުގައި ރަންބީރުގެ އެހީތެރިކަން އެ ގޮތަށް ނުލިބުނު ނަމަ އެ ފިލްމު ނުވެސް އުފެއްދޭނެ އެވެ.

އަޔާން ބުނީ ފިލްމުގެ އެކްޓްރެސް އާލިއާ އެ މަސައްކަތާ ގުޅުނީ 2014 ގައި ކަމަށާއި އޭރު އޭނާއަކީ ބޮލީވުޑްގައި އެހާ ނަން ހިނގާ ތަރިއެއް ވެސް ނޫން ކަމަށެވެ. އެ ފިލްމާ ގުޅުމުގެ ދެ އަހަރު ކުރިން އާލިއާ ބޮލީވުޑަށް ނުކުމެ، އެ މަސައްކަތް ފެށިއިރު އާލިއާއަކީ އެހާ ބޮޑު ތަރިއެއް ނޫން ކަމަށް ވެސް ބުންޏެވެ.

އެހެންވެ، އާލިއާ އަށް ކަނޑައަޅާފައިވާ ފީއަކީ އެހާ ބޮޑު ފީއެއް ނޫން ކަމަށް އަޔާން ބުނެ އެވެ. އަދި ފިލްމުގެ މަސައްކަތް ނިމުމާ އެކު އާލިއާ ވަނީ ފިލްމުގެ މަސައްކަތަށް އެ ފައިސާ ވެސް ހޭދަވެފައިވާ ކަމަށް ބުނެފައި ކަމަށް އަޔާން ބުނެ އެވެ.

އިންޑިއާ އާއި ދުނިޔޭގެ މާކެޓްގައި ވެސް "ބްރަހްމަސްތުރާ" އަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ވިޝުއަލް އިފެކްޓްސްގެ ބުރަ މަސައްކަތެއް ހިމެނޭ އެ ފިލްމު އުފެއްދުމަށް ހޭދަކުރި ވަރަށް ވުރެ ބޮޑު އަދަދެއް އާމްދަނީގެ ގޮތުގައި ލިބިފައިވެ އެެވެ. ފުރަތަމަ ހަފުތާގައި 300 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.