08 ޖެނުއަރީ 2017 - 07:46

ނިއު ޔޯކް (ޖެނުއަރީ 8) - ފޭސްބުކުގެ ސީއީއޯ އަދި ފައުންޑާ މާކް ޒުކަބާގުގެ އާ އަހަރުގެ އަމާޒަކީ އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ޒިޔާރަތްކޮށް ވީހާ ވެސް ގިނަ ބަޔަކާ ބައްދަލު ކުރުން ކަމަށް އޭނާ ހާމަކުރައްވައިފި އެވެ.
"ވަރަށް ގިނަ ސްޓޭޓްތަކުގައި ވަގުތު ހޭދަކޮށް ވަރަށް ގިނަ މީހުންނާ މިހާރު ވެސް ބައްދަލުކޮށްފިން. މި ޗެލެންޖް ފުރިހަމަ ކުރުމަށްޓަކައި މި އަހަރު އިތުރު 30 ސްޓޭޓަށް ޒިޔާރަތް ކުރަން ޖެހޭ،" ޒުކަބާގުގެ އާ އަހަރުގެ އަޒުމާ ބެހޭ ގޮތުން ފޭސްބުކުގައި ލިޔުއްވާފައިވެ އެވެ. "މި ޗެލެންޖުގައި ސްޓޭޓްތަކަށް ގޮސް އެ ތަންތަނުގެ ވީހާ ވެސް ގިނަ ބަޔަކާ ބައްދަލުކޮށް އެ މީހުންގެ ދިރިއުޅުމާ ބެހޭ މައުލޫމާތު ހޯދާ، ކުރިމަގާ މެދު ވިސްނާ ގޮތާ ބެހޭ މައުލޫމާތު ހޯދުމަށް އުއްމީދު ކުރަން."
ޒުކަބާގު ވިދާޅުވީ އޭނާ ދާދި ފަހުން ވަނީ ވަރަށް ގިނަ ގައުމުތަކަށް ޒިޔާރަތކޮށްފައި ކަމަށާއި މިހާރު ބޭނުން ވަނީ އަމިއްލަ ގައުމުގެ ތަފާތު މީހުންނާ ބައްދަލުކޮށް އެކި ކަންކަން ހޯދުމަށް ކަމަށެވެ.
ޒުކަބާގަކީ ކޮންމެ އަހަރަކު ވެސް އާ އަޒުމެއް ކަނޑައަޅުއްވައިގެން ފުރިހަމަ ކުރައްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ. އޭގެތެރޭގައި ޗައިނާ މީހުން ވާހަކަ ދައްކާ ބަހެއް ކަމަށްވާ މެންޑޭރިއަން ދަސްކުރެއްވުމާއި ކޮންމެ ދުވަހަކު އާ މީހަކާ ބައްދަލު ކުރުން ހިމެނެ އެވެ. މިދިޔަ އަހަރު ވެސް ޒުކަބާގު ވަނީ ވަރަށް މުހިންމު ދެ އަޒުމެއް ކަނޑައަޅުއްވާ ފުރަމަ ކުރައްވައިފަ އެވެ. އެއީ އަހަރުގެ ތެރޭގައި 365 މޭލަށް ދުވެވަޑައިގަތުމާއި ގޭތެރޭގެ މަސައްކަތްތައް އޮޓޮމޭޓް ކުރުމަށްޓަކައި އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ޑިވެލޮޕް ކުރެއްވުމެވެ. މި ދެ ކަންތައް ވެސް ވަނީ އަހަރު ނިމުމުގެ ކުރިން ފުރިހަމަ ކުރައްވައިފަ އެވެ.