މާޒިޔާގެ ކޯޗުކަމަކީ ޗެލެންޖެއް، އެކަމަކު އިތުބާރު އެބައޮތް: ސެކުލޮސްކީ
މާޒިޔާގެ ކޯޗުކަމަކީ ޗެލެންޖެއް، އެކަމަކު އިތުބާރު އެބައޮތް: ސެކުލޮސްކީ

މާޒިޔާއާ ހަވާލުވުމަކީ ޗެލެންޖެއް ކަމަށާއި އަމާޒަކީ ލިބެން އޮތް ހުރިހާ ކާމިޔާބީއެއް ހާސިލްކުރުން ކަމަށް އެ ޓީމުގެ ފުރަތަމަ ބިދޭސީ ކޯޗު މެސެޑޯނިއާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނެފި އެވެ.

މިއަދު ގަލޮޅު ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުނީ ރާއްޖޭގެ ފުޓްބޯޅަ އަންނަނީ ވަރަށް ބޮޑަށް ކުރިއަަރަމުން ކަމަށެވެ.

"މިއީ އަހަރެން ރާއްޖޭގައި ކުރާ ތިން ވަނަ ތަޖުރިބާ. މީގެ ކުރިން އައީ އިދިކޮޅު ޓީމުތައް ގޮވައިގެން. މި ފަހަރު މިއީ ތަފާތު ޗެލެންޖެއް. މާޒިޔާ އަކީ އަހަރެން ދަންނަ ކްލަބެއް. މި ޓީމާ ދެކޮޅަށް އަހަރެން ކުޅެފިން. މި ޓީމު ގޮވައިގެން ކާމިޔާބު ހޯދޭނެ،" ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީގެ ކޯޗުކަމުގެ ދަށުން ޔަންގޮން ޔުނައިޓެޑުން މި އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާއާ ދެކޮޅަށް ކުޅުނުއިރު މިދިޔަ ސީޒަނުގައި އޭނާ ކޯޗުކޮށްދިން މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑް ވަނީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެފަ އެވެ. އޭގެ ކުރިން 2013 ވަނަ އަހަރުގެ މުބާރާތުގައި މާޒިޔާއާ ދެކޮޅަށް، ސެކުލޮސްކީގެ އަޔެޔަވާދީ ނުކުތެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ސެކުލޮސްކީ ވަނީ ހަ މެޗުގައި ކޯޗުކޮށްދީފަ އެވެ.

"ނިއު ރޭޑިއަންޓާއި މާޒިޔާގައި މިތިބީ ގައުމީ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިން. މި ކުޅުންތެރިން އަހަންނަށް އެނގޭ. އެއީ އަހަރެން ދެކެނީ ރަނގަޅު ފެށުމެއް ކަމަށް،" ސެކުލޮސްކީ ބުންޏެވެ.

މިދިޔަ ސީޒަނަށް މާޒިޔާ ނުކުތީ ހުރިހާ ތަށްޓެއް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ. އެހެން ނަމަވެސް ކާމިޔާބު ކުރެވުނީ އުރީދޫ ދިވެހި ޕްރިމިއާ ލީގު އެކަންޏެވެ.

ސެކުލޮސްކީ ބުނީ އޭނާގެ އަމިއްލަ ޓާގެޓަކީ ކޮންމެ މެޗަކުން ވެސް މޮޅުވެ މުބާރާތަކަށް ފަހު މުބާރާތަކަށް ވިސްނުން ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ފުޓްބޯޅައިގައި ޕޮޒިޓިވް ޕްރެޝަރަކީ ވަރަށް މުހިއްމު އެއްޗެއް. މިިދިޔަ ސީޒަނަކީ މާޒީ. އަހަރެން ބޭނުންވަނީ މި ޓީމު ގޮވައިގެން މެޗަކަށް ފަހު މެޗެއް އެގޮތަށް ވިސްނައިގެން ކުރިޔަށްދާން. މި ޓީމަކީ ރާއްޖޭގެ ހުރިހާ މުބާރާތެއްގައި ކުޅޭ ޓީމެއް. އެއީ ވެސް އަހަރެންނަށް ލިބޭ ހިތްހަމަ ޖެހުމެއް،" ސެކުލޮސްކީ ބުންޏެވެ.

"މިދިޔަ ސީޒަނުގައި ލީގު ހޯދާފައިވާ ޓީމަކަށް ވުމުން އެއީ ޕްރެޝަރެއް ނޫން. އަނެއްކާ އެ މުބާރާތް ކާމިޔާބު ކުރުމަށް ލިބޭ ހިތްވަރެއް."

ސެކުލޮސްކީގެ ކޯޗުކަމުގައި ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އޭނާ ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2013 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ސެކުލޮސްކީގެ އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިންއިރު މާޒިޔާ އަތުންނެވެ. މާޒިޔާ އެ ފަހަރު މޮޅުވީ 3-1 އިންނެވެ. އޭނާ ވަނީ އަނެއް ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. އަނެއް ދެ މެޗުންވީ އެއްވަރެވެ.

ސެކުލޮސްކީ ބުނީ މާޒިޔާ ގޮވައިގެން އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް އޭނާ ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

"އޭއެފްސީ ކަޕްގެ ތަޖުރިބާ އަހަރެންގެ އެބަހުރި. މުބާރާތުގެ ފޯމެޓަށް މި ވަނީ ބަދަލުތަކެއް ގެނެސްފައި. އަހަރެން އަމިއްލަ ވިސްނުމުގައި ބުނަންޏާ ބުނެވޭނީ ކުރީގެ ފޯމެޓް ރަނގަޅު ކަމަށް. އެކަމަކު މިހާރު މިއޮތީ ވެސް މާ އުނދަގޫ ގޮތެއް ނޫން." މެސެޑޯނިއާގެ ބައެއް ޔޫތު ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކާމިޔާބީ ހޯދައިދީފައިވާ ސެކުލޮސްކީ ބުންޏެވެ.

"ހަ މެޗު އޭއެފްސީ ކަޕްގައި އޮންނައިރު މީގެ އިން ރަނގަޅު ނަތީޖާތަކެއް ނެރެގެން ދެ ވަނަ ބުރަށްދާން އެންމެ ފަހު މެޗާ ހަމައަށް ހިތްވަރު ކުރާނަން."

މާޒިޔާގައި އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި ޓީމުގެ މެނޭޖްމަންޓާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށް ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ވަނީ 2014 ވަނަ އަހަރު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މެސެޑޯނިއާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ.