21 ސެޕްޓެމްބަރ 2022 - 18:34

ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ތާރީހު ޖަހާފައި އޮތް ގޮތުން، ގްރީން ޓެކްސް ނެގޭނެ މަގު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަންދުވުމުން އެ މައްސަލަ ހައްލުކުރަން މަޖިލީހުން އެ ގާނޫނަށް ގެންނަން ފާސްކުރި ދެވަނަ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެ ބިލް ރައީސް މިއަދު ތަސްދީގުކުރެއްވުމާ އެކު މިހާރުން ފެށިގެން ގްރީން ޓެކްސް ނެގޭނެ އެވެ.
މިދިޔަ ޖޫން މަހު ތަސްދީގު ކުރި އިސްލާހުގައި ލިޔުމުގައި އޮތް އޮޅުމަކުން ގްރީން ޓެކްސް ނަގަން ފެށެނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ. އެ އިސްލާހު އެހެން އޮތް ނަމަވެސް ބައެއް ރިސޯޓުތަކުން އަންނަނީ ގްރީން ޓެކްސް ނަގަމުންނެވެ. އަދި ޓެކްސް ނަގަމުން އަންނާތީ، މީރާއިން ވެސް އަންނަނީ ގްރީން ޓެކްސް ބަލައިގަންނަމުންނެވެ.
އެ ގާނޫނަށް މި ގެނައި އާ އިސްލާހާ އެކު، އެ އިސްލާހަށް އަމަލުކުރަން ފެށުށުމާ ހަމަ އަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެ އެވެ.
އެ ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ގްރީން ޓެކްސް ނަގާފައިވާ ނަމަ، ނުވަތަ ނަގަން ޖެހޭ އަދަދަށް ވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާ ނަމަ ވެސް، އެ ފައިސާ އެ ފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭނެ އެވެ.
ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓު ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 އިން ފެށިގެންނެވެ.
މިދިޔަ މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 617 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ގްރީން ޓެކުހުގެ ގޮތުގައި މި އަހަރު 824 މިިލިއަން ރުފިޔާ ހޯދަން ދައުލަތުގެ ބަޖެޓުގައި ވަނީ ކަނޑައަޅައިފަ އެވެ.
ގްރީން ޓެކްސް ބޭނުންކޮށްގެން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓްތަކާއި ނަރުދަމާގެ ޕްރޮޖެކްޓްތަކާއި ކުނި ނައްތާލުމާއި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ ގިނަ ޕްރޮޖެކްޓްތައް ހިންގަ އެވެ.