ހައްޖު ކޯޓާ ކުޑަކޮށްފައި އޮތްއޮތުން އުވާލަން ސައުދީ ސަރުކާރުން ނިންމައިފި
ހައްޖު ކޯޓާ ކުޑަކޮށްފައި އޮތްއޮތުން އުވާލަން ސައުދީ ސަރުކާރުން ނިންމައިފި

ހައްޖަށް ދާން އެކި ގައުމުތަކަށް ދޭ ހައްޖު ކޯޓާގެ އަދަދު ދަށްކޮށްފައި އޮތް އޮތުން މި އަހަރުން ފެށިގެން ނިމުމަކަށް ގެންނަން ސައުދީ ސަރުކާރުން ނިންމައިފި އެވެ.

ސައުދީންނާއި ބޭރުގެ އެކި ގައުމުތަކުން ކޮންމެ އަހަރަކު ހައްޖަށް ދެވޭ މީހުންގެ އަދަދު ސައުދީ ސަރުކާރުން 2012 ގައި ދަށްކުރީ ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު ފެށުމާ ގުޅިގެން ހައްޖާޖީންގެ ސަލާމަތަށްޓަކަ އެވެ. އެގޮތުން އެކި ގައުމުތަކަށް ދޭ ހައްޖު ކޯޓާގެ އަދަދު 20 ޕަސެންޓް ދަށްކޮށް، ސައުދީން ހައްޖަށް ދާން ކޯޓާ ދޭ މީހުންގެ އަދަދު 50 ޕަސެންޓަށް ދަށްކުރި އެވެ.

އެކަމަކު އެ މަޝްރޫއު މިހާރު ނިމުމަކާ ގާތަށް ގޮސްފައިވާތީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ނާއިފްގެ ހުށަހެޅުއްވުމަކަށް އެ ގައުމުގެ ހައްޖު ކޮމެޓީން ނިންމީ ހައްޖު ކޯޓާ ދޭ މިންވަރު ދަށްކޮށްފައި އޮތް އޮތުން މިއަހަރުން ފެށިގެން ނިމުމަކަށް ގެނައުމަށެވެ. އެކަމަކު މިހާރެކޭ ވެސް އެއްގޮތަށް، ގައުމުތަކަށް ދޭނެ ހައްޖު ކޯޓާގެ އަދަދު ކަނޑައަޅާނީ ސައުދީގެ ހައްޖު ކޮމެޓީންނެވެ.

އެހެންވެ، މި އަހަރުން ފެށިގެން ގިނަ އަދަދެއްގެ ހައްޖާޖީން އަންނާނެތީ އެކަމަށް ރަނގަޅަށް ތައްޔާރުވާން ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ވަލީއަހުދު މުހައްމަދު ވަނީ އަމުރު ކުރައްވައިފަ އެވެ.

ސައުދީ ސަރުކާރުގެ އެ ނިންމުމަށް އިންޑިއާގެ ހައްޖު މިޝަނުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

ކޮންމެ އަހަރަކު އިންޑިއާ އިން ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ހައްޖަށް ދާން ހުށަހަޅަ އެވެ. އެކަމަކު ހައްޖު ކޯޓާ ދަށްކޮށްފައި އޮތުމުން އެ ފުރުސަތު ލިބެނީ އެއް ލައްކަ މީހުންނަށެވެ.

ރާއްޖެ އަށް ދީފައި އޮންނަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެކަމަކު ސައުދީ ސަރުކާރުގެ ޚާއްސަ އެހީއެއްގެ ދަށުން އިތުރު 1،000 މީހުންނަށް ކޯޓާ ލިބި، ރާއްޖެ އިން 2،000 މީހުން ހައްޖަށް ދެ އެވެ.