21 ސެޕްޓެމްބަރ 2022 - 15:42

މީގެ މަހެއްހާ ދުވަސްކުރިން މާލޭގައި ހިންގި މާރާމާރީއެެއްގައި ކޯރާޑިއަކުން ޖަހައި މީހެއްގެ ބޯ ފަޅައިލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ނިންމައިފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި، މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ޒަހަމްވީ ބިދޭސީއެކެވެ.
ފުލުހުން ސީންއަށް ދިޔައިރު ވެސް ހަމަލާ ދޭން ބޭނުންކުރި ކޯރާޑީ އެތަނުގައި އޮތެވެ.
އެނގިފައިވާ ގޮތުގައި ކޯރާޑިން ހަމަލާ ދިން މީހާއަކީ އެ ގެއަށް ވައްކަން ކުރަން ވަން މީހެކެވެ. އަދި ޒަހަމްވީ އެ ގޭގައި އުޅޭ މީހެއް ކަމަށް އެނގިފައި ވެ އެވެ.