21 ސެޕްޓެމްބަރ 2022 - 14:31

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުން ސިއްރު ކޮށްފައިވަނިކޮށް، އެ ކޮމިޓީއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ޚަބަރު ނަގަން މަޖިލީހުގެ އިދާރާ އިން އަންގައިފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކުރި، 241 ކޮމިޓީގެ 26 ވަނަ ބައްދަލުވުމުގެ އޯޑިއޯ ކުޑަ ވަގުތުކޮޅަކަށް ލައިވް ކުރެވުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް، އެއީ ސިއްރު ބައްދަލުވުމެއް ކަމަށް ކޮމިޓީން ނިންމާފައި ވަނިކޮށް، ބައެއް މީޑިއާތަކުން ވަނީ އެ ބައްދަލުވުމުގައި އިމްރާން ދެއްކެވި ވާހަކަތައް ޝާއިއު ކޮށްފަ އެވެ.
"މި ދެންނެވި އޯޑިއޯ އަޑު އެހުމަށް ފަހު ބައެއް މީޑިއާތަކުން އެއީ ސިއްރު ބައްދަލުވުމެއްކަން އަންގާފައިވަނިކޮށް، ކޮމިޓީގައި ދެއްކި ވާހަކަތައް ހިމަނައި، އެ ބައްދަލުވުމަށް ހަވާލާދީ ބައެއް މީޑިއާތަކުން ހަބަރު ލިޔެފައިާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިއްރު ކޮމިޓީގެ ސިއްރުކަން ހިފެހެއްޓުމަށް، މި ދެންނެވި ކޮމިޓީ އަށް ހަވާލާދީ ޝާއިއު ކޮށްފައިވާ ލިޔުންތައް މީޑިއާ އިން ނެގުމަށް ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
އިމްރާން ކޮމިޓީއަށް ހާޒިރުކުރީ ފުލުހުންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތަކާ ގުޅޭގޮތުންނެވެ.
އެ ކޮމިޓީ ސިއްރު ކޮށްފައި ވަނިކޮށް، އިމްރާންގެ ވާހަކަތައް ތަފުސީލުކޮށް ބައެއް މީޑިއާތަކުން ގެނެސްދިން މައްސަލަ ބަލާނެ ކަމަށް ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
މާޗު 27، 2021 ގައި އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ގިނަ ގަވައިދުތަކެއް، ޕޮލިސް ކޮމިޝަނަރުގެ ލަފާގެ މަތިން މިނިސްޓަރު ހަދަންޖެހެ އެވެ. އޭގެ ތެރެއިން ގިނަ ގަވައިދުތަކެއް މިހާރު ވަނީ ހަދައިފަ އެވެ.