21 ސެޕްޓެމްބަރ 2022 - 13:06

ބުރުގާ އެޅުމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި އަންހެނަކު މަރުވުމާ ގުޅިގެން، އީރާންގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ފަސް ދުވަހަށް ދެމިގެން ދިޔައިރު ވެސް މައިތިރިނުވެ، މިހާތަނަށް ފަސް މީހަކު މަރުވެއްޖެ އެވެ.

އީރާންގެ އަންހެނުންނާއި ފިރިހެނުން ވެސް ހިމެނޭ ގޮތަށް، އާންމުންގެ ބަޔަކު މުޒާހަރާ ކުރަން ފެށީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. މި މަހުގެ 13 ވަނަ ދުވަހު، އީރާންގެ އަޚްލާގީ ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ ބޭބެއާ އެކުގައި ކާރުގައި ހައިވޭއަކުން ދުއްވާފައި ދަނިކޮށެވެ.

މަހްސާގެ ބޭބެ ކިއަރޭޝް އަމީނީ ބުނި ގޮތުގައި އޭނާ އާއި މަހްސާ ކާރުގައި ދަނިކޮށް، އަޚްލާގީ ފުލުހުން އެމީހުންގެ ކާރު ހުއްޓުވައި ކާރުގެ ތެރެއިން މަހްސާ ނެރުމަށް ފަހު، އޭނާ ހައްޔަރުކުރުމުގެ ކުރިން، މުގުރުބުރިތަކުން މަހްސާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރި އެވެ. މަންޒަރު ދުށް އެހެން މީހުން ބުނި ގޮތުގައި ފުލުހުން މަހްސާގެ ބޮލުގައި މުގުރުން ޖަހައި ފުލުސް ކާރުގެ ކައިރިއަށް ވައްޓައިލި އެވެ.

އެއަށް ފަހު، ފުލުހުންގެ އިދާރާ އަށް އެ ދެބެއިން ގެންދިއުމަށް ފަހު، މަހްސާ ގެންދާނީ ދީނީ ކައުންސެލިން ދޭ ކްލާހަކަށް ކަމަށާއި ގަޑިއެއްހާއިރު ފަހުން ދޫކޮށްލާނެ ކަމަށް ފުލުހުން ބުނި ކަމަށް މަހްސާގެ ބޭބެ ބުންޏެވެ. ނަމަވެސް ގަޑިއެއްހާއިރު ވެސް ނުވަނީސް، އެމްބިއުލާންސްގައި މަހްސާ ގެންދިޔައީ ކައިރީގައި ހުރި ހޮސްޕިޓަލަކަށެވެ.
އެ ދުވަހު އެ ހޮސްޕިޓަލުން އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލަށް މަހްސާ ގެނައި އިރުވެސް، އޭނާގެ ސިކުނޑި އޮތީ މަރުވެފައި ކަމަށެވެ. މަހްސާ މަރުވީ އެ ހޮސްޕިޓަލުގައި ކޯމާގައި އޮންނަތާ ދެ ދުވަސް ފަހުން، މި މަހުގެ 16 ވަނަ ދުވަހު އެވެ.
މަހްސާ މަރުވިކަން އެނގުމާ ގުޅިގެން، އާންމުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ، އީރާން ސަރުކާރާއި ފުލުހުންނާ ދެކޮޅަށް މުޒާހަރާ ކުރަން ފެށި އެވެ. އާންމުންގެ މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ގެންދަނީ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންނެވެ.
މުޒާހަރާތައް މައިތިރިކުރުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި މިހާތަނަށް ފަސް މީހުން މަރުވި އިރު، އެ އެންމެން ވެސް މަރުވީ ސަލާމަތީ ބާރުތަކުން ޖެހި ބަޑީގެ ވަޒަން އަރައިގެންނެވެ. އީރާންގައި ކުރުދީ ދަރިކޮޅުގެ މީހުން އުޅޭ ސަރަހައްދުން ފެށުނު މުޒާހަރާތައް މިހާރު ވަނީ، އެ ގައުމުގެ ހަތް ޕްރޮވިންސަކަށް ފެތުރިފަ އެވެ.
ސަލާމަތީ ބާރުތަކުން ބަޑި ޖެހުމުގެ ސަބަބުން މަރުވި މީހުންގެ އިތުރުން، އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ބުރުގާ އެޅުމުގައި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފުވުމުގެ ސަބަބުން، ފުލުހުން އަނިޔާކޮށް އަންހެނަކު މަރައިލުމާ ގުޅިގެން، ގިނަ އަންހެނުންތަކެއް އަންނަނީ، ފުލުހުންގެ އެ އަމަލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އީރާންގެ ދެކުނު ސަރަހައްދުތަކުގައި ރޭ މުޒާހަރާ ކުރި ބައެއް އަންހެނުން ވަނީ، އެމީހުން އަޅައިގެން ތިބި ބުރުގާތައް ބާލައި، އޭގައި ހުޅުޖަހައި އަންދާލައިފަ އެވެ.
މައްސަލަ ޖެހެނީ އަންހެނުންގެ އިސްތަށިގަނޑުގެ ސަބަބުންތޯ ސުވާލުކޮށް، ބައެއް އަންހެނުން ވަނީ އެމީހުން އަޅައިގެން ތިބި ބުރުގާތައް ބާލައި، ފިރިހެނުންނާ އެއްގޮތަށް ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފަ އެވެ.
އީރާންގައި ބުރުގާގެ ގާނޫނު ތައާރަފްކުރީ، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީ އިސްވެ ހުންނަވައި، 1979 ވަނަ އަހަރު އެ ގައުމަށް ގެނައި އިސްލާމީ އިންގިލާބަށް ފަހުގައި ހަމަ އެ އަހަރުގެ ތެރޭގަ އެވެ. އެ ގާނޫނު ބުނާ ގޮތުން ކޮންމެ އަންހެނަކު ވެސް އާންމުންގެ ތެރެއަށް ނުކުމެ އުޅެންވާނީ، ބޮލުގެ އިސްތަށިގަނޑު ނިވައިވާ ގޮތަށް ބުރުގާ އަޅައިގެން، އަދި ހަށިގަނޑުގެ ވަނާތައް ނޭނގޭ ފަދަ، ގަޔަށް ދޫ ހެދުމެއްގަ އެވެ.
އެ ގާނޫނުގެ ދަށުން އުފައްދާފައިވާ "އަޚްލާގީ ފުލުހުން"ގެ އެންމެ އިސް މަސައްކަތަކަށް ވެފައި އޮންނަނީ، އާންމު ތަންތަނުގައި އަންހެނުން ހެދުން އަޅައިއުޅޭ ގޮތް ބަލައި، އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅުމެވެ. އެގޮތުން ބަލާ ކަންކަމުގެ ތެރޭގައި، ބޮލުގެ އިސްތަށިގަނޑުން ބޮޑު ބައެއް ފެންނަން އޮވޭތޯ ބެލުމާއި، ލައިގެން ތިބެނީ ގަޔަށް މާ ބާރު ހެދުންތޯ ބެލުމާއި، މާ ބޮޑަށް މޭކަޕް ކޮށްފައި ހުރޭތޯ ބެލުން ހިމެނެ އެވެ.
އެފަދަ ކަމެއް ސާބިތުވެއްޖެ ނަމަ، ދިނުމަށް ކަނޑައެޅިފައި އޮންނަ އަދަބުތަކަކީ، ޖޫރިމަނާކުރުމާއި ޖަލަށް ލުމާއި ދުއްރައިން ތެޅުމެވެ.