ފްލޮރިޑާގެ އެއާޕޯޓުގައި ހަމަލާދިން މީހާ ހައްޔަރުކޮށްފި
ފްލޮރިޑާގެ އެއާޕޯޓުގައި ހަމަލާދިން މީހާ ހައްޔަރުކޮށްފި

ފްލޮރިޑާ (ޖެނުއަރީ 7) - އެމެރިކާގެ ފްލޮރިޑާގެ ފޯޓް ލައުޑާޑޭލް އެއާޕޯޓުގައި ހަމަލާދީ ފަސް މީހުން މަރާލި މީހާ ހައްޔަރުކޮށް އޭނާއާ ފުލުހުން ސުވާލު ކުރަން ފަށައިފި އެވެ.

ފްލޮރިޑާގެ އެއާޕޯޓުގައި ހަމަލާދިން މީހާ ހައްޔަރުކޮށްފި
ފްލޮރިޑާގެ އެއާޕޯޓުގައި ހަމަލާދިން މީހާ ހައްޔަރުކޮށްފި

އެއާޕޯޓަށް ހަމަލާދީފައި ވަނީ އިރާގު ހަނގުރާމައިގައި ބައިވެރިވި 26 އަހަރުގެ އެސްޓެބަން ސެންޓިއާގޯ ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ހަމަލާ ދިން މީހާގެ މަގްސަދަކީ ކޮބައިކަމެއް އޮފިޝަލުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެއީ ޓެރަރިޒަމުގެ ހަމަލާއެއް ނޫން ކަމަށް އޮފިޝަލުން ނުނިންމަ އެވެ.

ބަޑީގެ ހަމަލާތައް ދީފައި ވަނީ އެއާޕޯޓުގެ ޓާމިނަލް 2 ގެ ބަގޭޖް އޭރިއާގަ އެވެ. ހަމަލާ ދިން އިރު ޕަސެންޖަރުން ދިޔައީ ލަގެޖް ނަގަމުންނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ލަގެޖް ބެލްޓް ކައިރިން ހިނގާފައި ދިޔަ އިރު އެ މީހާ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި ކުއްލިއަކަށް ހަމަލާދިނީ އެވެ. އޭނާ ފުލުހުންނަށް އަމާން ދިނީ ވަޒަން ހުސްވެގެން ކަމަށް ވެސް ބުނެފައިވެ އެވެ.

އޮފިޝަލުން ބުނީ ސްޓާ ވޯޒް ޓީ-ޝާޓެއް ލައިގެން ހުރި މީހާ އައީ އެލަސްކާ އިން ކަމަށެވެ. އަދި އޭނާ ލަގޭޖާ އެކު ޗެކިންކޮށްފައި ވަނީ ވަޒަން ނެތް ހުސް ބަޑިއެއް ކަމަށާއި ވަޒަން ހުރީ އެހެން ދަބަހެއްގައި ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. އަދި ބޯޓު ޖެއްސުމާ އެކު އެ ދަބަސް ހިފައިގެން ފާޚާނާ އަށް ވަދެ ބަޑި އަށް ވަޒަން ލޯޑްކޮށް ހަމަލާ ދިނީ ކަމަށް ބުނެފައިވެ އެވެ. ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) ގެ ގަވާއިދު ބުނާ ގޮތުން ޗެކްޑް ބެގޭޖުގެ ތެރޭގައި، ހާޑް ކޮންޓެއިނާއެއްގައި އޮންނަ ބަޑި މަތިންދާ ބޯޓުން އުފުލެ އެވެ.

އެމެރިކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެލަސްކާ ނެޝަނަލް ގާޑުގައި މަސައްކަތް ކުރި ސެންޓިއާގޯ ވަނީ އެޕްރީލް 2010 އިން ފެބްރުއަރީ 2011 އަށް އިރާގުގައި މަސައްކަތްކޮށްފަ އެވެ. އަދި ސިފައިންގެ ޚިދުމަތުން އޭނާ ވަކިވެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކަމަށް ވެސް ބުނެފައިވެ އެވެ.