21 ސެޕްޓެމްބަރ 2022 - 10:59

ރާއްޖޭގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލައި އާއްމުން ހޭލުންތެރިކުރުވުމުގެ ގާނޫނީ ޒިންމާ އޮތް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައި ވަނީ ސަރުކާރާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމާއި ފިގުހީ އާ މައްސަލަތައް ދިރާސާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަތުވާ މަޖިލީހުގެ ފަސް އަހަރުގެ ފުރަތަމަ ދައުރު ހަމަވެ، އެތައް ދުވަހެއް ފާއިތުވެފައިވާ ކަމަށެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު އިތުރުވެ، ދީނީ ގޮތުން ހިލާފު އުފެދޭ ބޮޑެތި މައްސަލަަތަކުގައި އަމަލު ކުރަންވީ ގޮތް އޮޅި އެކި މީހުން އެކި ފަތުވާ ނެރެމުންދާ ކަމަށާއި އޭގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި އިޖްތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ނަމަވެސް ފަތުވާ ދޭ މަޖިލިސް ސަރުކާރުން އެކުލަވާލާފައި ނުވާ ކަމަށާއި އޭގެ ބޭނުން ކޯލިޝަނުން ނުހިފާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އިސްލާމީ ފަތުވާ ދޭ މަޖިލިސް އެކުލަވާލައި އެ މަޖިލިސް ހިންގޭނެ އިންތިޒާމުތައް ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެ މައްސަލަ އަށް ބަހުސް ކުރުމަށް 27 މެމްބަރުންގެ ވޯޓާ އެކު ފާސްވި އެވެ.
އެ މައްސަލާގައި ސަރުކާރު ދިފާއު ކުރައްވާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ މި ސަރުކާރުން ފަތުވާ މަޖިލީހުގެ ބަދަލުގައި ފިގުހު އެކެޑަމީއެއް އެކުލަވައިލުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން އުފައްދާފައިވާ ފަތުވާ މަޖިލީހުން އެކަށީގެންވާ މަސައްކަތެއް އޭރު ވެސް ކޮށްފައި ނުވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.