21 ސެޕްޓެމްބަރ 2022 - 10:16

ސަލްޒްބާގް، އޮސްޓްރިއާ (ސެޕްޓެމްބަރު 21) - ޗެލްސީ އިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ރެޑްބުލް ސަލްޒްބާގުގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޯފް ފްރިއަންޑް ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.
"ޗެލްސީ ފަދަ ކުލަބަކުން ޝައުގުވެރިކަން ފާޅުކުރުމަކީ އަހަރެންގެ އިތުރަށް، ކުލަބަށް (ސަލްޒްބާގަށް) ވެސް ލިބޭ ޝަރަފެއް، ކްލަބުގައި ކުރި މަސައްކަތުގެ ނަތީޖާ މިއީ. އެކަމަކު އަހަރެން މި ނިންމީ ސަލްޒްބާގުގައި މަޑުކުރަން، ކްލަބު ބަދަލުކުރުމުގެ ބޭނުމެއް ނެތް،" ފްރިއަންޑް ބުންޏެވެ.
"އަހަރެމެން މިތިބީ ވަރަށް ވަރުގަދަ މަރުހަލާއެއްގެ މެދުގައި، (އޮސްޓްރިއާގެ) ބުންޑަސްލީގާ، ކަޕް އަދި ޗެމްޕިއަންސް ލީގުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް އެބަހުރި، އަހަރެންގެ ފޯކަސް އާއި ވިސްނުން ހުރީ އެ ކަންކަމަށް."
އުމުރުން 45 އަހަރުގެ ފްރިއަންޑް އަކީ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އާލިން ބްރައުޓް ހާލަންޑް، 2019 ވަނަ އަހަރު ސަލްޒްބާގަށް ގެނައުމުގައު މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ސަޑިއޯ މާނޭ އާއި ނަބީ ކެއިޓާ އަދި ޑަޔޯ އުޕަމެކާނޯ ފަދަ ކުޅުންތެރިން ތަރައްގީ ކުރުމުގައި ވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި މިދިޔަ ހަފްތާ ޗެލްސީ އާއި ސަލްޒްބާގު، ލަންޑަނުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި ދެ ޓީމު އޮސްޓްރިއާގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އޮކްޓޫބަރު މަހުގެ ފަހު ހަފްތާގަ އެވެ.
ޗެލްސީ އިން ފްރިއަންޑް އާއެކު މަޝްވަރާ ކުރި ނަމަވެސް، ސަލްޒްބާގުން ވެސް އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވެ އެވެ. އޭނާއާ އެކު ސަލްޒްބާގުން ދާދި ފަހުން 2026 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން އެ ކުލަބުން އަންނަނީ ފްރިއަންޑްގެ މުސާރަ ބޮޑުކޮށް، އާ ކޮންޓްރެކްޓެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.
"ސަލްޒްބާގުގައި ފާއިތުވި އަހަރު ތަކުގައި ކްރިސްޓޯފް ފްރިއަންޑް ވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި، އަދި ދާދި ފަހުން އޭނާ ވާނީ 2026 އާ ހަމައަށް ކޮންޓްރެކްޓު ވެސް އާ ކޮށްފައި. އަހަރެންނަށް ޔަގީން ކަމާ އެކު ބުނަން ކެރޭނެ އޭނާ ސަލްޒަބާގުގެ ސްޕޯޓިން ޑިރެކްޓަރު ކަމުގެ މަގާމުގައި ދެމި ހުންނާނެ،" ސަލްޒްބާގުގެ މެނޭޖިން ޑިރެކްޓަރު ސްޓެފާން ރެއިޓާ ބުންޏެވެ.
މީގެ އިތުރުން ޗެލްސީއިން ޝައުގުވެރިކަން ފާޅުކުރިކަން ވެސް އެންގި ކަމަށާއި، އެކަމާ ގުޅޭގޮތުން ޕާސަނަލް ލެވެލްގައި ހިޔާލު ބަދަލުކުރެވުނު ކަން ވެސް އޭނާ ހާމަ ކުރި އެވެ.
ޗެލްސީން ގެންނަން ޝައުގުވެރިވާ އިތުރު ފަރާތްތަކުގެ ތެރޭގައި ބަޔާ ލެވަކޫސަންގެ ޓިމް ސްޓައިޓެން އާއި ޕީއެސްޖީގެ ލުއިސް ކެމްޕޯސް ހިމެނެ އެވެ. އަދި ނޮވެމްބަރު މަހު ބާއްވާ ވޯލްޑް ކަޕުގެ ކުރިން ޗެލްސީ އަށް ސްޕޯޓިން ޑިރެކްޓަރެއް ހޯދަން އެ ކްލަބުން ބޭނުން ވެއެވެ.
ރެޑްބުލް އިން ހިންގާ އޮސްޓްރިއާގެ ސަލްޒްބާގާއި ޖަރުމަން ލީގުގެ އާރުބީ ލައިޕްޒިގުގައި ގެންގުޅޭ ޑޭޓާ ޑްރިވެން ރެކްރޫޓްމަންޓަށް ޗެލްސީގެ ޗެއާމަން ޓޮޑް ބޯލީ އާއި އެހެނިހެން އިސް ފަރާތްތަކުން ޝައުގުވެރި ވެއެވެ. ލައިޕްޒިގުން ވަނީ، 2.5 މިލިއަން ޔޫރޯގެ ފީއެއް ދީފައި ޖަރުމަން ބުންޑެސްލިގާގެ ކްލަބް ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި މެކްސް އާބަލް ގެނެސްފަ އެވެ.
ޗެލްސީގެ ލީޑް ނެގޯޝިއޭޓަރު އަދި ޑިރެކްޓަރު މަރީނާ ގްރަނޮވްސްކައި އާއި ޓެކްނިކަލް އަދި ފާފޯމަންސް އެޑްވައިޒަރު ޕީޓާ ޗެކް ކްލަބު ދޫކޮށްލުމުން އެންމެ ފަހު ޓްރާންސްފާ ބާޒާރުގައި ވަގުތީ ގޮތުން ކްލަބުގެ ޑިރެކްޓަރުކަން ކުރީ ކޯ އޯނަރު އަދި ޗެއާމަން ބޯލީ އެވެ.