21 ސެޕްޓެމްބަރ 2022 - 06:43

އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ރޯލުން، ބޮލީވުޑްގެ ތަރި އަޔޫޝްމަން ކުރާނާ ފެންނަ ކޮމެޑީ ފިލްމު "ޑޮކްޓަ ޖީ" ގެ ޓްރެއިލާ ނެރެފި އެވެ.
އަނުބުތީ ކަޝްޔަޕް ޑައިރެކްޓްކުރާ އެ ފިލްމުގައި އަޔޫޝްމަންގެ އިތުރުން ރަކުލް ޕްރީތު ސިންގް އާއި ޝެފާލީ ޝާހް އަދި ޝީބާ ޗައްދާ ވެސް ބައިވެރިވެ އެވެ.
ގާތްގަނޑަކަށް ތިން މިނެޓްގެ ޓްރެއިލާ އިއްޔެ އާންމުކުރިއިރު އޭގައި ފެންނަނީ އަޔޫޝްމަން އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ވުމުގެ ސަބަބުން އޭނާއަށް ކުރިމަތިވާ ގޮންޖެހުންތަކެވެ. އަންހެން ޕޭޝަންޓުން އޭނާއަށް ދައްކަން ފަސްޖެހި، އެ އުނދަގޫތަކުގައި އަޔޫޝްމަން އުޅޭ މަންޒަރު ފެނެ އެވެ.
މީގެ ކުރިން ވެސް އެކި އިޖުތިމާއީ މައްސަލަތަކާ ގުޅޭ ފިލްމުތަކުން ފެނިފައިވާ އަޔޫޝްމަންގެ އެ ފިލްމުގެ ސްކްރިޕްޓާ ގުޅޭ ގޮތުން އޭނާ ބުނީ އެ ފިލްމުގެ ސްކްރިޕްޓް ކިޔާލުމާ އެކު އެއަށް ހިތްޖެހުނު ކަމަށެވެ. އެއީ ވަރަށް ތަފާތު އަދި މީހުން މުނިފޫހިފިލާނެ ސްކްރިޕްޓެއް ކަމަށް އޭނާ ބުންޏެވެ.
ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 14 ގަ އެވެ.