20 ސެޕްޓެމްބަރ 2022 - 19:53

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ މުއްދަތު އަންނަ މަހަށް އިތުރުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ގޯތި ދޫކުރުމުގެ އުސޫލަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައި ބަދަލާ ހެދި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އާއި ގުޅީފަޅުން ދޫކުރާ 3،000 ގޯތި އަދި ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފްލެޓަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކުރިން ހަމަޖައްސާފައިވާ ގޮތުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.
ގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމްގެ އުސޫލު ކުރިން އޮތްގޮތުން މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.
ނަމަވެސް، މި ފަހުން ގެނައި ބަދަލުގައި ބުނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެއީ މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާނަމަ އެއީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގެ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.