އިންޓަ ސްކޫލް ބެޑްމިންޓަންގައި އިސްކަންދަރާއި ތާޖުއްދީން އަދި އަހުމަދިއްޔާ އަށް ކާމިޔާބު
އިންޓަ ސްކޫލް ބެޑްމިންޓަންގައި އިސްކަންދަރާއި ތާޖުއްދީން އަދި އަހުމަދިއްޔާ އަށް ކާމިޔާބު

އިންޓަ ސްކޫލް ބެޑްމިންޓަ މުބާރާތުގެ ޒޯން 3 ގައި އިސްކަންދަރު ސްކޫލް އާއި ތާޖުއްދީން ސްކޫލް އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވިދާލައިފި އެވެ.

އިއްޔެ ނިމިގެން ދިޔަ ޒޯން 3 މުބާރާތުގައި ގައި އެ ތިން ސްކޫލުން ވަނީ، ކޮންމެ ސްކޫލަކުން ދެ ކެޓަގަރީ އަކުން ޗެމްޕިއަންކަން ހޯދައިފަ އެވެ. ތާޖުއްދީނުން ވަނީ ގްރޭޑް 9 އަދި 10 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އެ ކެޓަގަރީގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލުން ހޯދީ ފައިނަލުގައި ރެހެންދި ސްކޫލް ބަލި ކުރުމަށް ފަހު އެވެ. އެ ދެ ކެޓަގަރީގެ ލޯ މެޑަލް ހޯދީ ދަރުމަވަންތަ ސްކޫލާއި ގާޒީ ސްކޫލެވެ.

އެ ކެޓަގަރީގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ހޯދީ ތާޖުއްދީނެވެ. ފައިނަލުގައި ވާދަކުރީ އިސްކަންދަރެވެ. ބްރޯންޒް މެޑަލް ހޯދީ އިސްކަންދަރާއި ރެހެންދި އެވެ.

އިސްކަންދަރު ސްކޫލުން ވަނީ ގްރޭޑް 7 އަދި 8 ގެ ފިރިހެން ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ސްކޫލް ކާމިޔާބު ހޯދީ ފައިނަލުގައި ރެހެންދި ސްކޫލް ބަލި ކުރުމަށް ފަހު އެވެ. އެ ކެޓަގަރީގެ ންރޯން މެޑަލް ހޯދީ އަހުމަދިއްޔާ އާއި ތާޖުއްދީނެވެ.

ގްރޭޑް 5 އަދި 6 ފިރިހެން ޗެމްޕިއަންކަން ވެސް އިސްކަންދަރުން ވަނީ ހޯދައިފަ އެވެ. އެ ކެޓަގަރީގެ ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ފައިނަލުގައި ގިޔާސުއްދީން ސްކޫލް ބަލި ކުރުމަށް ފަހު އެވެ. ބްރޯންޒް މެޑަލް ހޯދީ ރެހެންދި އާއި ދަރުމަވަންތަ އެވެ.

އެ ގްރޭޑްތަކުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި އިސްކަންދަރު ވާދަކުރި އެވެ. އެ ޓީމު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީނެވެ. ބްރޯންޒް މެޑަލް ހޯދީ ދަރުމަވަންތަ އަދި ރެހެންދި އެވެ.

ގްރޭޑް 7 އަދި 8 ގެ ފިރިހެން ޗެމްޕިއަންކަން އަހުމަދިއްޔާ އެވެ. އެ ސްކޫލާ ދެކޮޅަށް ފައިނަލުގައި ވާދަކުރީ ރެހެންދި ސްކޫލެވެ. ބްރޯންޒް މެޑަލް ހޯދީ ތާޖުއްދީނާއި އިސްކަންދަރެވެ.

ގްރޭޑް 11، 12 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާއިންނެވެ. ފައިނަލުގައި އެ ސްކޫލްގެ ޓީމާ ދެކޮޅަށް ނުކުތީ ސީއެޗްސްސީ އެވެ. ބްރޯންޒް މެޑަލް ހޯދީ ވިލާ އިންޓަނޭޝަނަލް ސްކޫލެވެ. އެ ކެޓަގަރިގެ ފިރިހެން ޗެމްޕިއަންކަން އަހުމަދިއްޔާ ބަލިކޮށް ހޯދީ ސީއެޗްއެސްސީ އެވެ. ބްރޯންޒް މެޑަލް ހޯދީ ވިލާ އާއި އަރަބިއްޔާ ސްކޫލެވެ.