20 ސެޕްޓެމްބަރ 2022 - 15:22

ކޮވިޑާ ގުޅިގެން ސަރުކާރުން ހިންގާ ހާއްސަ އޮޕަރޭޝާންތަކުގައި ބައިވެރިވާ މީހުންގެ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 300 މިލިއަންް ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފްރޮންޓްލައިން އެލަވަންސް އެންމެ ގިނައިން ދީފައިވަނީ ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށެވެ. އެ މުވައްޒަފުންނަށް 138 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ދެވަނަ އަށް ފްރޮންޓްލައިން އެލަވަންސް އެންމެ ގިނައިން ދީފައި ވަނީ އެމްއެންޑީއެފް މުވައްޒަފުންނަށް 48 މިލިއަން ރުފިޔާ އެވެ. ތިން ވަނަ އަށް އެންމެ ގިނައިން ފްރޮންޓްލައިން އެލަވަންސް ދީފައިވަނީ ފުލުހުންނަށެވެ. އެ އިދާރާ އަށް ހޭދަކޮށްފައި ވަނީ 44 މިލިއަން ރުފިޔާ އެވެ.
އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުންނަށް ވެސް ފްރޮންޓްލައިން އެލަވަންސް ދީފައިވެ އެވެ.
މާޗް 7، 2020 އިން ފެށިގެން ފްރޮންޓްލައިން އެލަވަންސް ދެމުން އައީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ހަމައަށް، މިދިޔަ މާޗް މަހުގެ ނިޔަލަށެވެ. އެ އެލަވަންސް ދޫކުރަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. "ހައި ރިސްކް" ކެޓަގަރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 500ރ. ދޭ އިރު މީޑިއަމް ރިސްކް ކެޓަގަރީގައި މަސައްކަތް ކުރާ މީހުންނަށް މަހަކު ދެނީ 250ރ. ގެ އެލަވަންސެކެވެ. އަދި ލޯ ރިސްކްގެ ގޮތުގައި މަސަައްކަތް ކުރާ މީހުންނަށް ދުވާލަކަށް 200ރ. ދީފައިވެ އެވެ.
ސަރުކާރަށް މިހާތަނަށް ކޮވިޑާ ގުޅިގެން 4.1 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އޭގެ ތެރެއިން ސިއްހީ ކަންކަމަށް ހޭދަކުރީ 2.3 ބިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރިތަކަށް އެހީވުމަށް 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.