ޕޮޓާގެ ބަދަލުގައި ބްރައިޓަންގެ ކޯޗަކަށް ޑި ޒެރްބީ ހަމަޖައްސައިފި
ޕޮޓާގެ ބަދަލުގައި ބްރައިޓަންގެ ކޯޗަކަށް ޑި ޒެރްބީ ހަމަޖައްސައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންގެ ކޯޗަކަށް އިޓަލީގެ ރޮބާޓޯ ޑި ޒެރްބީ ހަމަޖައްސައިފި އެވެ.

ސީޒަނުގެ ކުރީކޮޅު ބްރައިޓަންގެ ކޯޗުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ޗެލްސީއާ ހަވާލުވުމުންނެވެ.

ބްރައިޓަން އޮތީ 13 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.

ޑި ޒެރްބީ އެ ޓީމާ ހަވާލުވީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

ޑި ޒެރްބީ ފާހަގަވީ އިޓަލީގެ ސަސުއޮލޯ އަށް ކޯޗުކޮށްދިން ދުވަސްވަރު އެވެ. އެ ޓީމު ލައްވާ އޭނާ ކުޅުވި ޒަމާނީ، އެޓޭކިން ފުޓްބޯޅަ އަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ. އޭނާގެ ކޯޗުކަމުގައި 2020 އާއި 2021 ގައި ސަސުއޮލޯ ލީގުގެ އަށް ވަނަ ހޯދި އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ މޭ މަހު ޔޫކްރޭނުގެ ޝަޚްތަރު ޑޮނެސްޓްކްއާ ހަވާލުވި އެވެ. އެކަމަކު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާދޭން ފެށުމުން އެ ގައުމުގެ ލީގު މެދުކަނޑާލީ އެވެ.

ޑި ޒެރްބީގެ ކޯޗުކަމުގައި ބްރައިޓަން ފުރަތަމަ ނުކުންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށެވެ.

ކުރީގެ މިޑްފީލްޑަރު ޑި ޒެރްބީ އަކީ އިޓަލީގެ ގަދަބާރު އޭސީ މިލާނުގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. އެކަމަކު އެ ކްލަބުގެ ސީނިއާ ޓީމުން ފުރުސަތެއް ނުލިބުނެވެ.

ކުޅުމުގެ ކެރިއަރަށް ފަހު ޑި ޒެރްބީ ކޯޗިން ކެރިއަރު ފެށީ 2013 ގަ އެވެ. އޭނާ ވަނީ އިޓަލީގެ ފޮގިއާ، ޕަލޭމޯ އަދި ބެނެވެންޓޯ އަށް ކޯޗުކޮށްދީފަ އެވެ.