20 ސެޕްޓެމްބަރ 2022 - 12:34

ފުލުހުންގެ ބޭނުމަށް 130 ސީސީޓީވީ ކެމެރާ ގަންނަން، ބީލަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.
ފުލުހުން ކުރި އިއުލާނުގައި ވަނީ ތިން ވައްތަރެއްގެ ސީސީޓީވީ ކެމެރާ ބޭނުންވާ ކަމަށެވެ. އެއީ؛
• ބުލެޓް ނެޓްވޯކް ކެމެރާގެ 40 ކެމެރާ
• މިނީ އައިއާރް ފިކްސްޑް ބުލެޓް ނެޓްވޯކް ކެމެރާގެ 35 ކެމެރާ
• ޑޯމް ނެޓްވޯކް ކެމެރާގެ 55 ކެމެރާ
އެ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި މަހު 28 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ މި މަހު 29 ގައި، އަމީނީމަގު ހުންނަ އިސްކަންދަރު ކޮށި 1 ގައި ކަމަށް ވެސް ބުންޏެވެ.
އެ ބީލަމުގައި ބައިވެރިވުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000ރ. ހުށަހަޅަން ޖެހެ އެވެ.
ފުލުހުން އެ ކެމެރާތައް ހޯދަނީ ސީދާ ކޮން ބޭނުމަކު ކަމެއް އެ އިއުލާނުގައި ބުނެފައެއް ނެތެވެ. މާލެ، ހުޅުމާލެ، ވިލިމާލެ އަދި އައްޑޫގައި ވެސް މަގުތައް މޮނިޓާކުރުމަށް ފުލުހުން ސީސީޓީވީ ހަރުކޮށްފައިވެ އެވެ. އަދި ސީސީޓީވީ އިތުރުކުރާ ވާހަކަ ވެސް ދޭތެރެއަކުން ދެކެވެ އެވެ.
މާލެ ސިޓީ ކައުންސިލުން ވެސް މިފަހުން ވަނީ މާލޭގެ ހުރިހާ މިސްކިތްތަކާއި އެހެން ބައެއް ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ފުލުހުންގެ އެހީތެރިކަމާ އެކު އެ ތަންތަން މޮނީޓާކުރުމުގެ މަސައްކަތް ފަށައިފަ އެވެ.