20 ސެޕްޓެމްބަރ 2022 - 10:56

ރާއްޖޭގެ އެންމެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނުނު، ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 65 އަހަރުގައި އޭނާ އަވަހާރަވީ ނިއުމޯނިއާގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އައިޖީއެމްއެޗު ހިންގުމުގައި ވެސް ދުވަސްކޮޅަކަށް ހުންނެވި އޭރުގެ މަޝްހޫރު ސާޖަން ޑރ. އަބްދުﷲ ވަހީދަށް ސްޓްރޯކެއް ޖެހުމާ ގުޅިގެން ހުންނެވީ ފީލްޑާ ދުރުގަ އެވެ. އޭގެ ފަހުން އާލާސްކަފުޅާ އުޅުއްވާތީ މެޑިކަލް ކަންތައްތަކުގައި އަމަލީ ގޮތުން ނޫޅުއްވަ އެވެ. އޭގެ ބަދަލުގައި ވަގުތު ހުސްކުރެއްވީ ތާރީހު ދިރާސާ ކުރެއްވުމާއި ބައެއް ނޫސްތަކަށް ތާރީހީ ވާހަކަތައް ލިޔުއްވުން އަދި އަމިއްލަ ބްލޮގެއް ހިންގުމުގަ އެވެ.
އައްޑޫ މީދު އަށް އުފަން ޑރ. އަބްދުﷲ ވަހީދު ވަނީ ޕޮލިސް އިންޓެރްގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން ވަނީ ހެލްތު މިނިސްޓްރީގައި ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމު ވެސް ހަ އަހަރު ވަންދެން ފުރުއްވައިފަ އެވެ.
އޭނާއަކީ ކަރުންމަތީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ވަހީދުގެ ކޮއްކޮ އެކެވެ. ޑރ. މުހައްމަދު ވަހީދު މީގެ އަހަރުތަކެއް ކުރިން އަވަހާރަވެފަ އެވެ.
ޑރ. އަބްދުﷲ ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.