20 ސެޕްޓެމްބަރ 2022 - 11:05

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސްގެ 1344 ފްލެޓަށް އެދި 1413 މީހަކު ކުރިމަތިލާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ހިންގާ އެ މަޝްރޫއުގައި 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1344 ފްލެޓެވެ.
އެޗްޑީސީން ބުނި ގޮތުގައި ފްލެޓް ގަތުމަށް އޮންލައިންކޮށް ފުރުސަތު ހުޅުވާލައި ދިން ދެ މަސް ދުވަހުގެ ތެރޭގައި އެ ފްލެޓް ގަތުމަށް ހުށަހެޅީ 1413 ފަރާތަކުންނެވެ. އެ މީހުންގެ ޝަރުތު ފުރިހަމަވޭތޯ ބަލާނީ ހައުސިން މިނިސްޓްރީން ކަމަށް އެޗްޑީސީން ބުންޏެެވެ.
އެޗްޑީސީން ބުނީ އެ ފްލެޓް ލިބޭ މީހުން ކަނޑައެޅުމަށް ދިރިއުޅުމުގެ ހާލަތު ބަލައި އެ މީހުންނަށް ލިބޭ ޕޮއިންޓް ތަރުތީބުން ލިސްޓުކުރެވޭނެ ކަމަށެވެ. އަދި އެ ލިސްޓު ތަރުތީބުން ޔުނިޓް ހިޔާރުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އެޗްޑީސީން އެ މީހުންގެ މާލީ ގާބިލުކަން ހުރިތޯ ބަލައި، އެ ޝަރުތު ހަމަވާ މީހުންނަށް ޔުނިޓް ހަވާލުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ފައިނޭންޝިއަލް އެލިޖިބިލިޓީން ޝަރުތުހަމަނުވާ ފަރާތްތަކުގެ ޔުނިޓްތައް ކެންސަލްކޮށް، ވެއިޓްލިސްޓުގައިވާ ފަރަތްތަކަށް ފުރުސަތު ދެވޭނެ އެވެ،" އެޗްޑީސީން ބުނެ އެވެ.
އެ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެތަން އާންމުންނާ ހަވާލުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ވިނަރެސް ފްލެޓްގައި ހިމެނެނީ 902 އަކަފޫޓާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. އެތަނުގެ ކޮންމެ ޓަވަރެއްގައި ވެސް ގްރައުންޑް އަދި ފުރަތަމަ ފްލޯ ހާއްސަކޮށްފައި ވަނީ ވިޔަފާރީގެ ބޭނުމަށެވެ.
ވިނަރެސް ފްލެޓަށް ސަރުކާރުން ކަނޑައެޅި މައިގަނޑު ޝަރުތަކީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށް ވުމެވެ.