ވެސްޓް ހޭމް އަތުން ސިޓީ އަށް ބޮޑު މޮޅެއް
ވެސްޓް ހޭމް އަތުން ސިޓީ އަށް ބޮޑު މޮޅެއް

ލަންޑަން (ޖެނުއަރީ 7) - އިނގިރޭސި އެފްއޭ ކަޕް ތިން ވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން 5-0 އިން މެންޗެސްޓާ ސިޓީ ބޮޑު މޮޅެއް ހޯދައިފި އެވެ.

ފާއިތުވި ހަފްތާތަކުގައި ސިޓީގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެންނާތީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރޭގެ ބޮޑު މޮޅާ އެކު ގާޑިއޯލާ ވަނީ ފާޑުކިޔުންތަކަށް ޖަވާބު ދީފަ އެވެ.

ސިޓީގެ ލަނޑުތައް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން ޔާޔާ ޓޫރޭ އަދި ޑޭވިޑް ސިލްވާ އާއި ސާޖިއޯ އަގުއޭރޯ އަދި ޖޯން ސްޓޯންސް އެވެ. އަނެއް ލަނޑަކީ ވެސްޓް ހޭމްގެ ފަހަތަށް ކުޅޭ ހަވާޑް ނޯވޭއިޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރޭގެ މެޗަށް ވެސްޓް ހޭމްގެ ކޯޗު ސަލަވެން ބިލިޗް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އިސްކޮޅުން ދިގު ފޯވާޑް އެންޑީ ކެރޯލް އަށް ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދިންއިރު އެނާގެ ފަރާތުން މި މެޗުގައި ވެސް މާ އެދެވޭ ކުޅުމެއް ނުފެނުނެވެ.

މިއީ އިނގިރޭސި އެފްއޭ ކަޕްގައި ގާޑިއޯލާ އިރުޝާދުދިން އެންމެ ފުރަތަމަ މެޗެވެ. އޭނާ ބުނީ ސިޓީ އޮތް ހާލަތަށް ބަލާއިރު މިއީ މިވަގުތަށް ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.

"ފާއިތުވި ހަތަރު ހަފްތާއެއްހާ ދުވަހު ފެނުނީ ސިޓީން މޮޅަށް ކުޅުނުތަން. އެކަމަކު ލަނޑެއް ނުފެނޭ. މި މެޗުގައި މި ފެނުނީ ދެބައި އެކުވެގެން އައިތަން. މިއީ އަހަރެމެންނަށް ރަނގަޅު ފެށުމެއް. ކުޅުންތެރިންނަށް އިތުބާރު ލިބޭ ފަދަ މޮޅެއް މިއީ،" ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި އެފްއޭ ކަޕަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީހަށް ބެލިނަމަވެސް މަޝްހޫރު މުބާރާތެއް ކަމަށާއި ސިޓީ ވާދަކުރާ ކޮންމެ މުބާރާތެއްގައި ވެސް އެ ޓީމުގެ އަމާޒަކީ ތަށި ކަމަށް ގާޑިއޯލާ ބުންޏެވެ.